ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ދިމާކޮށް ބާއްވާ ހަރަކާތްތައް ފެށުމުގެ ގޮތުން ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަން (ފެސާ) އިން ”ފެސާ ރަން“ގެ ނަމުގައި ހެނދުނުގެ ދުވުމެއް ބާއްވައިފިއެވެ.
މިއަދު ހެނދުނު 5:30ގައި އެކުވެނި ޓްރެކުން ރަސްފަންނަށް ބޭއްވި މި ދުވުމުގައި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން، މަރިޔަމް ފިޒާނާ ރަޝީދާއި އެފްއީގެ ބައެއް ލެކްޗަރާއިންނާއި އެފްއީގެ ބައެއް ދަރިވަރުން ވެސް ބައިވެރިވިއެވެ. މި ދުވުން ޝަރަފުވެރިކޮށްދެއްވީ އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް މެނޭޖަރއެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް މެނޭޖަރ ފާހަގަ ކުރެއްވި ގޮތުގައި މިފަދަ ދުވުންތައް ގިނައިން ބާއްވަންވާނެއެވެ. އަދި ވަކި މުނާސަބަތަކާއި ނުލައި ދުވުމަށް ވެސް އޭނާ ބާރުއެޅުއްވިއެވެ.
މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމަށް ފެސާއިން ރާވާފައިވާ ކަންތައްތައް މިއަދު ފެށިފައިވާއިރު، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެކި ހަރަކާތްތައް ބާއްވާނެއެވެ. އެގޮތުން މުދައްރިސުންގެ ދުވަހުގެ ހާއްސަ އެސެމްބްލީއާއި ހަވާސް ޝޯ މިފަހަރުވެސް އޮންނާނެއެވެ.
ލިޔުނީ: އިބްރާހިމް އުމަރު،
މީޑިއާ ކޯރޑިނޭޓަރ، ފެސާ، އެމްއެންޔޫއެސްޔޫ