

ކޮންމެ އަހަރަކުވެސް ފެކަލްޓީ އޮފް އެޑިއުކޭޝަންގައި އެންމެ ކުލަގަދަކޮށް ފާހަގަ ކުރެވޭ އެއް ދުވަހަކީ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހެވެ. މިއަހަރުވެސް މިދުވަސް ފެކަލްޓީ އޮފް އެޑިއުކޭޝަންގައި މިވަނީ ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފައެވެ.
ދަރިވަރުންގެ މިޑް ސެމެސްޓަރ ޗުއްޓީއާ ދިމާކޮށް މިއަގަރުގެ މުދައްރިސުންގެ ދުވަސް އައުމާ ގުޅިގެން މިފަހަރު މުދައްރިސުންގެ ދުވަހުގެ ހެނދުނުގެ އެސެމްބްލީ ބާއްވާފައިވަނީ 13 އޮކްޓޯބަރުގައެވެ. ނަމަވެސް މުދައްރިސުންގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ވަނީ ހާއްސަ ދުވުމެއް ބާއްވާފައެވެ.
ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަން (ފެސާ)އިން އިންތިޒާމްކޮށްގެން ބޭއްވި ހެނދުނުގެ އެސެމްބްލީގައި މިފަހަރު ތީމެއްގެ ގޮތުން ބޭނުންކުރީ ސަގާފީ ތީމެވެ. ރަސްމިއްޔާތު ފެށިގެން ދިޔައީ ދުވަހުގެ ހެނދުނު 9:00ގައެވެ.
ރަސްމިއްޔާތު ފެށިގެން އައީ ރަސްމިއްޔާތަށް ދައުވަތު ދެވުނު ފަރާތްތައް އެފްއީ ޕީއީ ހޯލަށް އައުމުންނެވެ. ދައުވަތު ދެވުނު ފަރާތްތަކާއި މުދައްރިސުން ޖަލްސާއަށް ހާޒިރުވީ ދިވެހި ސަގާފަތުގައި ހިމެނޭ ވެދުމާ ދިއުމުގެ ހަރަކާތަކާއެކުއެވެ.
ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފުއެވެ. އަރިހުގައި ވަޑައިގެނެވީ ފެސާގެ ރައީސާ މަރިޔަމް ވަޖާހާއާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން މަރިޔަމް ފިޒާނާ ރަޝީދުގެ އިތުރުން ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ރައީސް، މުހައްމަދު ޝާން އާމިރުއެވެ. މީގެ އިތުރުން ޔުނިވަރސިޓީގެ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރާ އިބްރާހިމް ޣާނިމް ޝާހިދުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން، މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ މުދައްރިސުންނަކީ މުޖުތަމައުގައި އިހްތިރާމް ލިބިގެންވާ ބަޔަކު ކަމުގައި ހަދަންޖެހިފައިވާ ކަމަށެވެ. އަދި މުދައްރިސުންގެ ބުރަ ބޮޑު މަސްއޫލިއްޔަތު އަދާކުރަނީ އެތަށް ބައިވަރު ގޮންޖެހުންތަކަކާއެކުގައި ކަމަށާއި މުދައްރިސުންވާ ގުރުބާނީ އަކީ އަގަކުން އަދާކުރެވޭނެ އެއްޗެއް ނޫންކަށް ވެސް ފިޒާނާ ފާހަގަ ކުރެއްވިއެވެ.


ވެދުމާ ދިއުމުގެ ހަރަކާތާއެކު ވައިސް ޗާންސެލަރ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ .. ފޮޓޯ: އެމްއެންޔޫއެސްޔޫ މީޑިއާ 





އެހެންނަމަވެސް މުދައްރިސުން ކުރާ މަސައްކަތަށް ގަދަރުވެރި ދިރިއުޅުމެއް އުޅެވޭނެވަރުގެ އުޖޫރައެއް ލިބެން ޖެހޭނެކަމުގައި ދެކިވަޑައިގްނަނަވާ ކަމަށާއި މިދާއިރާ ދޫކޮށް ނުހަނު ލޯތްބާއިއެކު ފެށިމަސައްކަތް ދޫކޮށް ދާންޖެހޭ ސަބަބު ހޯދަންޖެހޭ ކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
”މުދައްރިސުން ކުރާ މަސައްކަތަށް ގަދަރުވެރި ދިރިއުޅުމެއް އުޅެވޭނެވަރުގެ އުޖޫރައެއް ލިބެންޖެހޭނެ ކަމުގައި ދެކެން. މިދާއިރާ ދޫކޮށް ނުހަނު ލޯތްބާއިއެކު ފެށިމަސައްކަތް ދޫކޮށްދާންޖެހޭ ސަބަބު ހޯދަންޖެހޭ،“ ފިޒާނާ ވިދާޅުވިއެވެ.


ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހެމާނު، އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފު ވިދާޅުވީ ޓީޗަރުންގެ ގޮތުގައި ތަމްރީނު ވެގެން ނުކުންނަ ދަރިވަރުން އުނގެނުމުގެ ދާއިރާއަށް ނިކުމެ އުނގަންނައިދޭ އެއްޗަކީ އޭގެ އަސްލު ނުގެއްލޭ އެއްޗަކަށް ވާންޖެހޭ ކަމަށެވެ. އަދި އެއްވެސް ކަމެއްގައި އަމިއްލަ އެޖެންޑާއެއް ގެންގުޅުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
”ތިބޭފުޅުންވެސް ދަރިވަރުން ކައިރިއަށްގޮސް އެއްޗެހި ބުނެދެއްވާއިރު އޭގެ އަސްލު ގޮތުގަ ނުވަތަ އޭގަ އޮންނަ ރަނގަޅު ގޮތުގަ އަމިއްލަ އެޖެންޑާއެއް ބޭނުން ނުކުރައްވާ ކިޔަވާދެއްވޭތޯ ބައްލަވާތި،“ ޑރ. ޝަރީފު ވިދާޅުވިއެވެ.


މި ރަސްމިއްޔާތުގައި ފެސާގެ ފަރާތުން ވާހަކަފުޅުދެއްކެވީ ފެސާގެ ސެކެޓްރީ މަރިޔަމް ޝައުފާއެވެ. ޝައުފާ ވަނީ ފެސާގެ ކަންކަމުގައި އެހީވެދެއްވާ އަދި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ފަރާތްތަކަށް ފޮނުވާފައެވެ
މި ރަސްމިއްޔާތުގައި ފެސާއިން ވަނީ އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފަށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި ފެސާއަށް ވެދެއްވާ އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން، މަރިޔަމް ފިޒާނާ ރަޝީދަށާއި އެމްއެންޔޫއެސްޔޫގެ އިތުރުން އާދަމް ރުޝްދީއާއި އަރުޝަދު އަޝްރަފަށް ވެސް ވަނީ ހާއްސަ ފިލައެއް އަރުވާފައެވެ. މި ފަރާތްތަކަށް ފިލާ އެރުވީ ފެސާގެ ލީޑަރުންނެވެ.


އެދުރުންގެ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި ވަނީ ދުވަހުގެ ހާއްސަ ލަވައެއް ހުށަހަޅާދީފައެވެ. ލަވައިގެ މަސައްކަތް ކޮށްދިނީ ޓޮނިކް ލައިވް ސްޓޫޑިއޯއިންނެވެ. ކޮރިއޮގްރަފީ ހަދާފައިވަނީ ދަރިވަރުން އަމިއްލައަށެވެ.
މީގެ އިތުރުން ރަސްމިއްޔާތުގައި ވަނީ ހެނދުނުގެ ހާއްސަ ނާސްތާއަކަށް އިންސާފުވެސް ކޮށްފައެވެ. ނާސްތާ ތާއްޔާރުކުރީ ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުންނެވެ.


މުދައްރިސުންނާއި ދަރިވަރުން ކުޅިވަރުތަކުގައި ބައިވެރިވަނީ .. ފޮޓޯ: އެމްއެންޔޫއެސްޔޫ މީޑިއާ 





ނާސްތާއަށްފަހު ދަރިވަރުންނާއި މުދައްރިސުން އެކުގައި އެކި ކުޅިވަރުތައް ވަނީ ކުޅެފައެވެ. އެގޮތުން ހަންފެޅުމާއި ފަން ކުޅުމާއި އައިސް ވޯޓަރ އަދި ފައިގަތަޅާ ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންނާއި މުދައްރިސުން ވަނީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.
މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރަކީ ”ޒުވާން މުދައްރިސުން- ދާއިރާގެ މުސްތަގުބަލު“ އެވެ.
ލިޔުނީ: އިބްރާހިމް އުމަރު
މީޑިއާ ކޯރޑިނޭޓަރ، ފެސާ





