މިއަހަރުގެ އަންހެނުންގެ ދުވަހާއެކު ފެކަލްޓީ އޮފް އެޑިއުކޭޝަންއަށް ހިނިތުންވުން ގެނެސްފިއެވެ.
ކޮވިޑް 19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ޙާލަތުގައި ޙާއްސަ ގޮތެއްގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދާ އަންހެން ކަނބަލުންގެ މަސައްކަތްތަކަށް ޝުކުރުއަދާކޮށް ކުރިއަރައި ދިޔުމަށް ހިތްވަރަކަށް ވެގެންދަނީ އަންހެނުންގެ އަގުވަޒަންކުރުމުންނެވެ. އެހެންކަމުން ފެސާއިން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީންއާއި، ލެކްޗަރާއިންނާއި، ސްޓާފުންނާއި މަސައްކަތު ދައްތަމެންނަށް ޚާއްސަކޮށްގެން ވަނީ އަންހެނުންގެ ދުވަސް ފާހަގަކޮށްފައެވެ.


އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެސާއިން ވަނީ ކަޕްކޭކް އާއި އަންހެނުންގެ ދުވަހާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ޅެމެއް ކަރުދާސް މާކޯޅިއަކާއެކު ކޮންމެ މުވައްޒަފަކަށް ހަދިޔާކޮށްފައެވެ. ކަޕްކޭކްތަކާއި އަންހެނުންގެ ދުވަހާ ގުޅިގެން ހެދި ޚާއްސަ ޅެމާއި ކަރުދާސް މާކޯޅިތައް ހަދާފައިވަނީވެސް ފެސާގެ ހިންގާ ކޮމިޓީ އާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ބައެއް ދަރިވަރުން އިސްނަގައިގެންނެވެ.




އަންހެނުންގެ މެދުގައި އޮންނަ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި މަސައްކަތްކޮށް އަހުލުވެރިކުރެވެންޖެހޭ ކަމަށް ފެސާއިން ޤަބޫލުކުރެއެވެ. ޢިލްމީ ދާއިރާގައި މިހާރު އަންހެނުން ކުރިއަރަމުންދާކަމަށްވެސް ފާހަގަކުރެވެއެވެ. އަންހެނުން ލީޑަރޝިޕްގެ ހުނަރުތަކާއެކު ތަޢުލީމީ ދާއިރާގެ އިސް މަޤާމުތައް އަދާކުރުމަކީ ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ. ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން، ޑރ. ވަސީމާ ފިކުރީ ހުންނެވުމަކީ މި ފެކަލްޓީއަށް ތަޢުލީމަށް ލިބިފައިވާ ފަޚުރެކެވެ.
ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އަންހެން ކަނބަލުންގެ ޢާއިލާއަށް އަންހެނުންގެ ދުވަހުގެ އުފާވެރިކަން ގެނެސްދިނުމަށްޓަކައި އެކިގޮތްގޮތުން މަސައްކަތްކޮށް އެހީތެރިވެފައިވާ ދަރިވަރުންނަށް ފެސާގެ މެމްބަރުންގެ ފަރާތުން ޝުކުރު އަދާކުރަމެވެ.






