މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށްޓަކައި އަމިއްލަ އެންޖީއޯއެއް ކަމުގައިވާ މާރސީއާއެކު ފެސާއިން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ އިވެންޓެއް ކުރިޔަށްގެންދަން ނިންމައިފިއެވެ.
މި އިވެންޓް ޚާއްސަވެގެންދަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ޔުނިޓްކަމުގައިވާ ”ފިޔަަވަތި“ ގައި ދިރިއުޅެމުންދާ ކުދިންނަށެވެ. އެގޮތުން މި އިވެންޓްގައި އެކުދިންނަށް ބޭނުންވާ ތަކެތި ހަދިޔާކޮށް އެކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތް ކުރިޔަށްގެންދިޔުމަށް ”ފިޔަވަތި ޑޮނޭޝަން ޑްރައިވް“ ގެ ނަމުގައި ކުޑަކުދިންނަށް ބޭނުންކުރެވިދާނެ ތަކެތި ( ހެދުން،ފޮތް،ކުޅޭއެއްޗެހި،…) ހަދިޔާކުރުމަށް ޢާއްމުންނަށް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން ފައިސާ ހަދިޔާކުރުމަށްވެސް ވަނީ ފުރުޞަތުވެސް އެބަައޮތެވެ.
މާރސީ އަދި ފެސާގެ އެކްސްކޯ މަޝްވަރާކޮށްފައިވަނީ ހަދިޔާކުރެވޭ ފައިސާއިން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް މިވަގުތު އެންމެ ބޭނުންވެފައިވާ ތަކެއްޗަކީ ކޮބައިތޯ ބެލުމަށްފަހު އެތަކެތި މާރސީ އާއި ފެސާގެ ފަރާތުން ފޯރުކޮށްދިނުމަށެވެ.
ހަދިޔާކުރުމަށްގެންނަ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫ އޮފީހުންނެވެ. އަދި އެތަކެތި ގެންނަ ކޮތަޅު ނުވަތަ ފޮށިގަނޑުގައި ”ފިޔަވަތި ޑޮނޭޝަން ޑްރައިވް“ ޖަހާލުމަށް އެދެމެވެ.
ފެސާގެ އެދުމަކީ މި ހަރަކާތަށް ގިނަ ބައެއްގެ ދީލަތި އެހީތެރިކަން ލިބުމެވެ. މާލީ ގޮތުން ނުވަތަ ކުދިންނަށް ބޭނުންވާ ތަކެތި ހަދިޔާކުރެއްވުމުންނެވެ.
މާރސީއަށް ފެސާއާއެކު މިފަދަ ހަރަކާތެއް ކުރިޔަށްގެންދިޔުމަށް ފުރުޞަތު ލިބުމަކީ މާރސީއަށްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެންޖީއޯގެ ރައީސް އިބްރާހީމް އާޚިރް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ހަދިޔާކުރާ ތަކެތި ޕެކް ކުރުމުގައްޔާއި އެތަކެތި ފިޔަވަތި ޔުނިޓްއަށް ގެންދިޔުމުގައިވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް މާރސީއިން ބުނެފައިވެއެވެ.
މާރސީއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ތަފާތު ޕްރޮގްރާމުތައް ހިންގަމުންނެވެ. އެގޮތުން ނިމިދިޔަ ރަމަޟާން މަހުވެސް ވަނީ ވަރަށް ކާމިޔާބުކަމާއެކު ހަދިޔާވެށި ޕްރޮގްރާމް ކުރިޔަށްގެންގޮސްފައެވެ.
މާރސީ އަދި ފެސާއިން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށްގެންދާ މި ހަރަކާތް ޚާއްސަކުރުމަށްޓަކައި މަޝްވަރާތައްދަނީ ކުރެވެމުންނެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ މި ހަރަކާތަކީ ކާމިޔާބު ހަރަކާތަކަށްވެ ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންނަކީ ވެސް މުޖްތަމަޢުގައި ދިރިއުޅޭ ލޯބި ލިބިގެންވާ ޚާއްސަ ކުދިންތަކެއްކަން އިޙްސާސުކޮށްދިނުމެވެ.