މިއަހަރުގެ އޮގަސްޓު އިންޓޭކްގައި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ކޯސްތަކަށް އަލަށް ވަތް ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފިއެވެ.
މިފަހަރު އަލަށް ކޯސްތަކަށް ވަތް ދަރިވަރުންގެ އަދަދުވެސް ގިނައެވެ. މުދައްރިސުންގެ މުސާރައަށް އައި ބަދަލާއެކު މިއީ ފެކަލްޓީއަށްވެސް ލިބިގެންދިޔަ ކުރިއެރުމެކެވެ.
ކީރިތި ޤުރްއާންގެ ބަރަކާތުން އޮރިއެންޓޭޝަން ފައްޓައިދެއްވީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) ގެ ދަރިވަރެކެވެ. އަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ދަންނަވައި ވާހަކަދައްކަވާފައިވަނީ ފެކަލްޓީގެ ސީނިއަރ ލެކްޗަރަރއެއްކަމުގައިވާ، ޑރ.އަޙްމަދު މުޙައްމަދުއެވެ. އެއަށްފަހު އެފް.އީ ގެ ޑީން ޑރ. ވަސީމާ ފިކްރީއެވެ.
ފެކަލްޓީ އިން ފޯރުކޮށްދޭ ތަޢުލީމާއި އެކި ކަންކަމާއި ގުޅޭގޮތުންވެސް ފެކަލްޓީގެ ސީނިއަރ ލެކްޗަރަރއެއްކަމުގައިވާ، ޑރ. އާމިނަތު ޝާފިޔާ ވަނީ ދަރިވަރުންނާ އެ މަޢުލޫމާތު ޙިއްސާކޮށްދީފައެވެ. ހަމަ އެހެންމެ ދަރިވަރުން ކިޔަވައިދިނުމާއި ގުޅޭގޮތުންވެސް ވަނީ މުހިންމު ކަންކަން ފާހަގަކޮށްފައެވެ.
މި އޮރިއެންޓޭޝަންގައި އެފް.އީ ގެ ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން ވަނީ ތަޢާރަފްވެ ފެސާއިން ހިންގައިފައިވާ ޚާއްސަ ޙަރަކާތްތައް ޕްރެޒެންޓޭޝަން އިން ދަރިވަރުންނަށް ދައްކާފައެވެ. އަދި ކުރިޔަށް ހިންގުމަށް ރޭވިފައިވާ ޙަރަކާތްތަކުގައި އަލަށް ގުޅުނު ދަރިވަރުންވެސް ބައިވެރިވެ އިސްނަގައިގެން ގުޅިގެން މަސައްކަތްކުރާނެކަމަށް ފެސާގެ ހިންގާ ކޮމިޓީ އިން އުއްމީދުކުރަމެވެ.
ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮރިއެންޓޭޝަން ބާއްވާފައިވަނީ 17 އޮގަސްޓު ވީ ބުދަ ދުވަހު އެފް.އީ އޮޑިޓޯރިއަމްގައެވެ.






