ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން އިމާދުއްދީންގެ ސެން ދަރިވަރުންނާ އެކު ”ވޯރލްޑް ޑައުން ސިންޑްރޯމް ޑޭ“ ފާހަގަކޮށްފިއެވެ.
މާރިޗު 21 ވީ އަންގާރަ ދުވަހުގެ ހެނދުނު 8:00 ގައި ފެށި މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ އިމާދުއްދީން ސްކޫލުގައެވެ. ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ބެޗްލާރސް އޮފް ޕްރައިމަރީ އެޑިއުކޭޝަން އަދި އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ކިޔަވާ ބައެއް ދަރިވަރުންގެ އިތުރުން ފެސާގެ ހިންގާ ކޮމިޓީގެ ބައެއް މެމްބަރުންނާއި ފެސާގެ ބައެއް އިސްވާރުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ޙާއްސަ އެހީ ބޭނުންވާ ދަރިވަރުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮށްލާ މަޖާކޮށްލުމެވެ. އެގޮތުން ކުރިޔަށް ގެންދެވުނު ހަރަކާތް ތަކުގެ ތެރޭގައި ކުލަ ޖެއްސުމާއި، ވަށިގަނޑަށް ބޯޅަ އުކުމާއި ބެނާރގައި ތައްގަނޑު ޖެހުމުގެ އިތުރުން ކުދިންނަށް ހަދިޔާ ދިނުން ހިމެނެއެވެ.
މި ހަރަކާތް މިހާ ފުރިހަމައަށް ކުރިޔަށް ގެންދުވުނުކަމަށްޓަކައި އަޅުގަނޑުމެންގެ ޑީން ޑރ. ވަސީމާ ފިކުރީ އަށާއި އިމާދުއްދީންގެ އިންކްލޫސިވް އެޑިއުކޭޝަން އެނަލިސްޓާއި އިމާދުއްދީންގެ މެނޭޖްމަންޓަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ. އަދި މި ހަރަކާތް އިންތިޒާމް ކުރަން އެހީތެރިވެދިން ފެސާގެ ހީވާގި އިސްވާރުންނަށްވެސް ޝުކުރު އަދާކުރަމެވެ.