ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.އެސް.ޔޫ) އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގުޅިގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން ޓޯނަމެންޓް 2023“ ގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން ބައިވެރިވާ ޓީމަށް ޖާރޒީ ހާވަލުކޮށްފިއެވެ.
މި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައި ވަނީ މާރިޗު 6 ވީ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. މި ރަސްމިއްޔާތުގައި އެފް.އީގެ ޑީން އާއި، ހަމީޒާ މިސް އަދި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) ގެ ހިންގާ ކޮމިޓީއިންވެސް ވަނީ ބައިވެރިވެފައެވެ.
އެފް.އީ ޓީމު އެކުލަވާލެވިފައި ވަނީ މުޅިއެކު 10 ކުޅުންތެރިންނާ އެއްކޮށެވެ. އެއީ އަންހެން ޑިވިޝަންގެ 5 ކުޅުންތެރިންނާއި ފިރިހެން ޑިވިޝަންގެ 5 ކުޅުންތެރިންނެވެ. ކުޅުންތެރިންގެ އިތުރުން ޓީމުގައި ކޯޗާއި، މެނޭޖަރާއި، އޮފިޝަލެއްގެ އިތުރުން މެޑިކް އެއް ވެސް ހިމެނެއެވެ.
މި ރަސްމިޔާތުގައި ކުޅުންތެރިންނާ މުޚާތަބު ކުރައްވަމުން ފެކަލްޓީގެ ޑީން ޑރ. ވަސީމާ ފިކުރީ ވަނީ ބަލިވިޔަސް ނުވަތަ މޮޅުވިޔަސް އެންމެ ފަހުވަގުތާ ޖެހެންދެން ހިތްވަރާއި އެކު މަސައްކަތް ކުރުމަށާއި ލިބޭ ކޮންމެ ކާމިޔާބީއަކަށް ޝުކުރުވެރިވުމަށް ބާރުއަޅުއްވާފައެވެ. އަދި ޗެމްޕިއަންކަން ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ހިތްވަރު ދީފައެވެ.
އެފް.އީ ޓީމް މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައިވާއިރު، އުއްމީދަކީ، އަދި އަމާޒަކީވެސް ޗެމްޕިއަންކަން ހޯދުމެވެ.






