ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން އާއި ކެއަރ ސޮސައެޓީ ގުޅިގެން ކުޑަ ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ”އެމް.އެން.ޔޫ.އެސް.ޔޫ-ފެސާ ފަން ފެސްޓިވަލް – އަ ކޮލެބް ވިތު ކެއަރ ސޮސައެޓީ“ ގެ ނަމުގައި މިއަދު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.
ހޮނިހިރު ދުވަހު ހަވީރު 16:00-18:00 އަށް އެމް.އެން.ޔޫ ދަނާލްގެ ޕާރކިންގ އޭރިއާގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ”ފަން ފެސްޓިވަލް“ ގައި އެކި ކަހަލަ ކުޅިވަރުތައް ކުރިޔަށް ގެންދެވޭނެއެވެ. އޭގެ ތެރޭގައި ރިންގ ޓޮސްއާއި، ޓިކް ޓެކް ޓޯ، މިނީ ބާސްކެޓު ބޯޅައިގެ އިތުރުން ކުލަ ޖެއްސުމާއި، ހޭންޑް/ފޭސް ޕެއިންޓިންގ އަދި ހީނާފަތް އެޅުން ކަހަލަ ހަރަކާތްތައް ކުރިޔަށް ދާނެއެވެ. މީގެ އިތުރުން ފޮޓޯ ބޫތަކާއި ޖަމްބަލް ސޭލެއްވެސް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މުނިފޫހިފިލުވުމުގެ އައިޓަމެއްގެ ގޮތުން އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގްރޫޕުގެ ހުށަހެޅުންތައް ވެސް އޮންނާނެއެވެ.
މި ޙަރަކާތް ބޮޑަށް ހާއްސަ ވެގެން ދަނީ ކެއަރ ސޮސައެޓީގައި ކިޔަވާ ދަރިވަރުންނަށެވެ. ނަމަވެސް އާންމުންނަށްވެސް ވަނީ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގެ މަގްސަދަކީ ކެއަރ ސޮސައެޓީގައި ކިޔަވާ ދަރިވަރުންގެ އިތުރުން އާންމުން މަޖާ ކޮށްލާ، ދަރިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމެވެ.
ފެސާގެ އުއްމީދަކީ މި ހަރަކާތުގައި ވީހާވެސް ގިނަ ކުދިން ބައިވެރިވެ، މި ހަރަކާތަކީވެސް ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ނިމިގެން ދިޔުމެވެ.






