ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން ބައިވެރިވާ އަންހެން އަދި ފިރިހެން ޓީމުގެ ޖާރޒީ ހަވާލުކޮށްފިއެވެ.
މެއި 14 ވީ އާދިއްތަ ދުވަހުގެ ރޭގަނޑު 19:00 ގައި ބޭއްވި މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫ ގެ ނައިބު ރައީސް (އިތުރު ހަރަކާތް) ސަމްޢާން ޙަސަންގެ އިތުރުން އަންހެން އަދި ފިރިހެން ޑިވިޝަންގެ ކުޅުންތެރިންނާއި ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ)ގެ ހިންގާ ކޮމިޓީއިން ވަނީ ބައިވެރިވެފައެވެ.
އަންހެން ޑިވިޝަންގައި މުޅިއެކު 11 ކުޅުންތެރިންގެ އިތުރުން ކޯޗާއި، މެނޭޖަރާއި، އޮފިޝަލެއް ހިމެނެއެވެ. ފިރިހެން ޑިވިޝަންގައި ހިމެނެނީ 10 ކުޅުންތެރިންގެ އިތުރުން ކޯޗާއި މެނޭޖަރެވެ.
މި ރަސްމިއްޔާތުގައި ކުޅުންތެރިންނާ މުޚާތަބު ކުރައްވަމުން ފެސާގެ ރައީސް މުޙައްމަދު ނާބިތު އަޙްމަދު ވަނީ ޗެމްޕިއަންކަން ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ހިތްވަރު ދީފައެވެ.
އެފް.އީގެ ދެ ޓީމުވެސް އަތުކުރި އޮޅާލައިގެން މަސައްކަތް ކުރަމުން ދަނީ ތަށްޓާ ހަމައަށް ވާޞިލުވެވޭތޯއެވެ.






