2023 ވަނަ އަހަރުގެ ދެވަނަ ޓާރމަށް ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަށް އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފިއެވެ.
އޮގަސްޓް ދިހަވަނަ ދުވަހު އެފް.އީ އޮޑިޓޯރިއަމްގައި ބޭއްވި މި އޮރިއެންޓޭޝަންގައި ގާތްގަނޑަކަށް 30 ވަރަކަށް ދަރިވަރުން ބައިވެރިވެފައިވެއެވެ. އޮރިއެންޓޭޝަން ފަށާފައިވަނީ ޤުރުއާނުގެ ބަރަކާތުންނެވެ. ޤުރުއާން ކިޔެވީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރު ދަޔާނާ ހަސަން އެވެ. އެއަށްފަހު ފެކަލްޓީގެ ޑީން ޑރ. ވަސީމާ ފިކުރީ ދަރިވަރުންނާއި މުޚާތަބު ކުރެއްވިއެވެ. އަލަށް ގުޅުނު ދަރިވަރުންނަށް މަރުޙަބާ ދެންނެވީ ފެކަލްޓީގެ ލެކްޗަރަރއެއް ކަމަށްވާ ޑރ. އައިމިނަތު ޝާފިޔާ އާދަމް އެވެ. މަރުޙަބާއަށް ފަހު ”އައިސް ބްރޭކަރ“ އެކްޓިވިޓީއެއް ޝާފިޔާ މިސް ކުރިޔަށް ގެންދިޔައެވެ. އެއަށްފަހު ދަރިވަރުންނާ ގުޅޭ އެހެނިހެން މަޢުލޫމާތު ޙިއްސާކޮށްފައިވަނީ ފެކަލްޓީގެ އެހެން ލެކްޗަރަރއިން ކަމުގައިވާ އަޒްރާ އަބްދުއްރަހީމާއި އައިމިނަތު ޒުބޭރުއެވެ.
ލެކްޗަރަރއިންގެ ވާހަކަތަކަށް ފަހު ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) ގެ ރައީސް މުޙައްމަދު ނާބިތު އަޙްމަދު ވަނީ ފެސާއާ ބެހޭ މަޢުލޫމާތު ދަރިވަރުންނާ ޙިއްސާކޮށްފައެވެ. އޭގެތެރޭގައި ނިމިގެން ދިޔަ ސެމިސްޓަރ ގައި ފެސާއިން ރާވާ ހިންގި ހަރަކާތްތަކާއި، ބައިވެރިވި ހަރަކާތްތަކުގެ އިތުރުން ލިބުނު ކާމިޔާބީތައް ވެސް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މި ފެށޭ ސެމިސްޓަރއަށް ރާވާފައިވާ ބައެއް ހަރަކާތްތައްވެސް ވަނީ ޙިއްސާކޮށްފައެވެ.
އޮރިއެންޓޭޝަން ނިމިގެންދިޔައީ ކެމްޕަހުގެ ކުޑަ ޓުއަރއަކަށް ފަހުގައެވެ.






