ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ)ގެ މިއަހަރުގެ ތިންވަނަ މޫވީ ނައިޓް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
އޮގަސްޓް 19 ވީ ހޮނިހިރު ދުވަހުގެ ރޭ 20:00 ގައި އެފް.އީ އޮޑިޓޯރިއަމްގައި ބޭއްވިގެން ދިޔަ މި މޫވީ ނައިޓްގައި އަޅުވާފައިވަނީ ”ދަ ލިޓްލް މާރމެއިޑް 2023″ އެވެ.
ގާތްގަނޑަކަށް 100 މީހުންނަށް ތިބެވޭ ޖާގައިގެ އެފް.އީ އޮޑިޓޯރިއަމް އޮތީ ފުރިފައެވެ.
މޫވީ ނައިޓްގެ ޓިކެޓު 10 ރުފިޔާއަށް ވިއްކާފައިވާއިރު އޮންލައިންކޮށް ޓިކެޓު ގަތުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލާފައެވެ.
ކުރިން ފަހަރެކޭވެސް އެއްފަދައިން މިފަހަރުވެސް ކެންޓީނުގެ ޚިދުމަތްތައް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ސޮސެޖާއި، ޕޮޕްކޯންގެ އިތުރުން ކަޕްކޭކާއި ފެންވެސް ވަނީ ވިއްކާފައެވެ.
މިފަހަރުގެ މޫވީ ނައިޓްގައިވެސް ބެލުންތެރިން ލައްވާ ”އެކްސިޓް ޓިކެޓް“ ކިޔާ ފޯމެއްވަނީ ފުރާފައެވެ. މި ފޯމަކީ، މޫވީ ނައިޓާ ބެހޭ ގޮތުން ދަރިވަރުން ދެކޭ ގޮތާއި، ދެން އަންނަ މޫވީ ނައިޓަކަށް ރަނގަޅުކުރަން ހުރި ކަންތައްތައް ދެނެގަތުމަށް ހަދާފައިވާ ފޯމެކެވެ.
މި ހަރަކާތުގެ މަގްސަދަކީ ދަރިވަރުންނަށް އެކުވެރިންނާއެކު ވަގުތުކޮޅެއް ހޭދަ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ފެސާއިން ކުރިޔަށް ރާވާފައި ހުރި ހަރަކާތްތަކަށް ބަޖެޓު ހޯދުމަށް ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.
ފެސާއިން ވަނީ އިތުރު މޫވީ ނައިޓްތަކާއި ފަންޑްރެއިޒިން ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައެވެ.