ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން މި މަހުގައި ކުރިޔަށް ގެންދިޔަ ޖާރޒީ ޑިޒައިން ކޮންޓެސްޓު ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
14 އޮގަސްޓުން ފެށިގެން 27 އޮގަސްޓާ ހަމައަށް ކުރިޔަށް ގެންދެވުނު މި މުބާރާތަކީ ކުރިޔަށް އޮތް ”އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023“ ގައި އެފް.އީ އިން ބައިވެރިވާ ޓީމުގެ ކިޓު ތައްޔާރު ކުރުމުގެ ގޮތުން، އެފް.އީ ގައި މިވަގުތު ކިޔަވަމުންދާ ދަރިވަރުންނާއި، އެފް.އީ އިން މީގެ ކުރިން ކިޔެވި ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދެވުނު ހަރަކާތެކެވެ. މި ކޮންޓެސްޓުގެ މަގްސަދަކީ ދަރިވަރުންގެ އުފެއްދުންތެރިކަމާއި، ހުނަރާއި، ގާބިލްކަން ދައްކުވައިދިނުމުގެ ފުރުސަތު ފަހިކޮށްދީ، ފެސާއިން ހިންގާ ހަރަކާތްތަކުގައި އިތުރަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ދަރިވަރުންގެ މެދުގައި އެކުވެރި އަދި ދުޅަހެޔޮ ވާދަވެރިކަން ކުރިއެރުވުމެވެ.
މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްފައިވަނީ ފެސާގެ ހިންގާ ކޮމިޓީއިންނެވެ. ފަނޑިޔާރުންނަށް އެންމެ ކަމުދާ ތިން ޑިޒައިން ހޮވުމަށްފަހު ފެސާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ޕަބްލިކް ވޯޓަކަށް ހުށައެޅިގެންދެވުނެވެ.
698 ލައިކްއާ އެކު މުބާރާތުގެ ފަޙުރުވެރި އެއްވަނައަށް ހޮވިފައިވަނީ މުޙައްމަދު ސާއިހު އަޙްމަދު ޝިހާމެވެ. 547 ލައިކްއާ އެކު ދެވަނައަށް ގޮސްފައިވަނީ މުޙައްމަދު އަސްލަހު އަޝްރަފްއެވެ. 103 ލައިކްއާ އެކު ތިންވަނައަށް ހޮވިފައިވަނީ ހުސައިން ޝިފާއުއެވެ.
ކުރިޔަށް އޮތް ތަނުގައި ފެސާއިން ވަނީ މިކަހަލަ މުބާރާތްތައް ކުރިޔަށް ގެންދިޔުމަށް ވިސްނާފައެވެ.