ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ)ގެ ހަތަރުވަނަ މޫވީ ނައިޓް ސެޕްޓެމްބަރ 8 ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
މިފަހަރު މޫވީ ނައިޓްގައި އެޅުވުމަށް ހަމަޖެހިފައިވާ ފިލްމަކީ ”ސްޕައިޑަމޭން އެކްރޮސް ދަ ސްޕައިޑަވާރސް″ އެވެ. މޫވީ ނައިޓްގެ ޓިކެޓުތައް ވިއްކަމުންދާނީ 10/- އަށެވެ. އެހެން ފަހަރުތަކޭ އެއްފަދައިން މިފަހަރުވެސް ޓިކެޓު ވިއްކުމުގެ ކަންތައް އޮންލައިންކޮށް ކުރިޔަށް ގެންދެވޭނެއެވެ. އޮންލައިންކޮށް ޓިކެޓު ބައްލަވައިގަތުމަށް 9514443 އަށް ވައިބަރ ނުވަތަ ޓެލެގްރާމް އިން މެސެޖުކޮށްލެއްވުމުން ޓިކެޓު ބައްލަވައިގަނެވޭނެއެވެ.
ކެންޓީނުގެ ހިދުމަތް މިފަހަރުވެސް އެންމެހާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެއެވެ. އެގޮތުން ޕޮޕްކޯނާއި ސޮސެޖު، އަދި ފެން ލިބެން ހުންނާނެއެވެ.
މި ހަރަކާތުގެ މަގްސަދަކީ ދަރިވަރުންނަށް ކިޔެވުމުގެ އިތުރުން މަޖާކޮށް އަދި އެކުވެރިންނާއެކު ވަގުތުކޮޅެއް ހޭދަ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ފެސާއިން ކުރިޔަށް ރާވާފައި ހުރި ހަރަކާތްތަކަށް ބަޖެޓު ހޯދުމެވެ.
ފެސާއިން މިހާތަނަށް މިއަހަރު ބޭއްވި ތިން މޫވީ ނައިޓްވެސް ވަނީ ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. އުއްމީދަކީ، މި ފަހަރުގެ މޫވީ ނައިޓްވެސް ކާމިޔާބުކަމާއެކު ނިމުމެވެ.






