ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަން (ފެސާ) އިން މި އަހަރުގެ ފަހު އިވެންޓް ކަމަށްވާ ”ފެސާ ނައިޓް 2023“ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ރަސްމިއްޔާތަކީ ފެސާގެ ހީވާގި އިސްވާރުންނާއި، ފެސާއަށް އެކި ގޮތް ގޮތުން އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި އިވެންޓެކެވެ. މި ރަސްމިއްޔާތު ފެށިގެން ދިޔައީ ކީރިތި ގުރުއާނުގެ ބަރަކާތުންނެވެ. ޤުރުއާން ކިޔަވައިދެއްވީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރު ސަމްހާ އަލީ ރިޒާއެވެ. އެއަށްފަހު ރަސްމިއްޔާތުގެ ޝަަރަފުވެރި މެހެމާން، ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރ، ޑރ. އައިމިނަތު ޝާފިޔާ އާދަމް ވަނީ ޖަލީސުންނާ މުޙާތަބު ކުރައްވާފައެވެ. އެއަށްފަހު ކުރިޔަށް ދިޔައީ އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (ގޮފިތައް) ސައިފުﷲ މުސްލިމްގެ ވާހަކަފުޅުދެއްކުމެވެ. މިއަށްފަހު ދެން ކުރިޔަށް ދިޔައީ 2023 ވަނަ އަހަރުގެ ފެސާގެ ހަރަކާތްތައް ކުރިޔަށް ދިޔަ ގޮތުގެ އުސްއަލިތަކުގެ ވީޑިއޯ ރިޕޯޓު ދައްކާލުމެވެ. ރިޕޯޓަށް ފަހު އިސްވާރުންނަށް ސެޓްފިކެޓް، އަދި ޚާއްސަ އެހީ ދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ އެރުވުނެވެ. ޖަލްސާ ނިމިގެން ދިޔައީ ފެސާގެ ރައީސް މުޙައްމަދު ނަބިތު އަޙްމަދުގެ ވާހަކައަށް ފަހުގައެވެ.
މި ރަސްމިއްޔާތުގެ ސްޕޮންސަރުން ކަމަށްވާ ”އައިކެއަރ“، ”ދޫނި ފިނޮޅު ގެސްޓް ހައުސް“ އަދި ”އިންޓު ދަ ބްލޫ ލޮޖް“ އަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަމެވެ. އަދި ހަމަ އެހެންމެ ފެސާ ނައިޓް ކާމިޔާބު ކަމާއި އެކު ނިންމާލުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށްވެސް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަމެވެ.