ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ފެސާ ޑޮނޭޝަން ޑްރައިވް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޑޮނޭޝަންއަށް ހުޅުވާލާފައިވަނީ އޭޕްރިލް 28 އިން ފެށިގެން މެއި 10ގެ ނިޔަލަށެވެ. މި ހަރަކާތުގެ ތެރެއިން އަންނައުނު، ކުޅޭ ސާމާނު، ބޫޓޫ، ފޮތް، ކާތަކެތި އަދި ފައިސާ ހަދިޔާ ކުރުމުގެ ފުރުޞަތު ވަނީ އާއްމުންނަށް ހުޅުވާލެވިފައެވެ. މި ހަރަކާތުގައި އެންމެ ގިނަ ފަރާތްތަކުން ހަދިޔާ ކޮށްފައިވަނީ ކުޑަކުދިންގެ އަންނައުނުކަން ފާހަގަ ކޮށްލެވެއެވެ.
މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ އެމް.އެން.ޔޫ ސެންޓްރަލް، ރަސްފަންނު އަދި ވެސްޓްޕާކުގައެވެ. މި ތިން ސަރަހައްދުގައި ފަންޑު ފޮށި ވެސް ބަހައްޓާފައިވެއެވެ. ޑޮނޭޝަންއަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވިއިރު ގިނަ އަދަދެއްގެ އަންނައުނާއި، ކުޅޭ ސާމާނު އަދި ފޮތް ފަދަ ތަކެވި ވަނީ ލިބިފައެވެ. ސުންގަޑި ހަމަވުމަށްފަހު ފެސާގެ އިސްވާރުންވަނީ މި ތަކެތި ރަނގަޅަށް ޗެކްކުރުމަށްފަހު ޕެކްކޮށްފައެވެ. އަދި މި ތަކެތި ވަނީ 4 ޖޫން ވީ އަންގާރަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ހުންނަ ކުޑަކުދިންގެ ހިޔާ ”ފިޔަވަތި“ އަށް ހަދިޔާކޮށްފައެވެ.
މި ހަރަކާތުގެ މަޤްޞަދަކީ ކުޑަ ކުދިންގެ ދުވަހާ ގުޅިގެން، ކުޑަ ކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ހަދިޔާކުރުމަށް ތަކެތި ހޯދުމާއި، އެ ކުދިންނަށް ހަދިޔާ ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހޯދައިދިނުމެވެ.
މި ހަރަކާތް ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންދިޔުމަށް ފެސާގެ އިސްވާރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ކުރިޔަށް ހުރި ހަރަކާތްތަކުގައި ވެސް ލިބިގެންދާނެ ކަމަށް ފެސާއިން އުއްމީދުކުރެއެވެ.