ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ގޮފި ފެސާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ 4 ވަނަ މޫވީ ނައިޓް 13 އޮގަސްޓު ވާ ހުކުރުދުވަހުގެ ރޭ 19:45 ގައި ބޭއްވުމަށް ނިންމައިފިއެވެ.
އެފް.އީ އޮޑިޓޯރިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މޫވީ ނައިޓްގައި އެޅުވުމަށް ހަމަޖެހިފައިވަނީ ”ސްޓިންގް [2024]“ އެވެ. މޫވީ ނައިޓްގެ ޓިކެޓުތައް ވިއްކަމުންދާނީ 15/- އަށެވެ. މިދިޔަ ފަހަރެކޭ އެއްފަދައިން މިފަހަރުވެސް ޓިކެޓު ވިއްކުމުގެ ކަންތައް އޮންލައިންކޮށް ކުރިޔަށް ގެންދެވޭނެއެވެ. އޮންލައިންކޮށް ޓިކެޓު ބައްލަވައިގަތުމަށް 9421150 /9142760 އަށް ވައިބަރ ނުވަތަ ޓެލެގްރާމް އިން މެސެޖުކޮށްލެއްވުމުން ޓިކެޓު ލިބިވަޑައިގަންނަވާނެއެވެ.
ކުރީފަހަރުތަކެކޭ ވެސް އެއްގޮތައް މި ފަހަރު ވެސް ކެންޓީންގެ ޚިދުމަތްވެސް ލިބިވަޑައިގަންނަވާނެއެވެ. އެގޮތުން ޕޮޕްކޯނާއި ސޮސެޖު އަދި ފެން ލިބެން ހުންނާނެއެވެ.
މި ހަރަކާތުގެ މަގްސަދަކީ ދަރިވަރުންނަށް ކިޔެވުމުގެ އިތުރުން މަޖާކޮށްލާ އެކުވެރިންނާއި އެކު ވަގުތުކޮޅެއް ހޭދަ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ފެސާއިން ކުރިޔަށް ރާވާފައި ހުރި ހަރަކާތްތަކަށް ބަޖެޓު ހޯދުމެވެ.
ފެސާއިން މިއަހަރު ބޭއްވި ތިން މޫވީ ނައިޓްތައް ވެސް ވަނީ ކާމިޔާބުކަމާއިއެކު ނިންމާލައިފައެވެ. ފެސާގެ މޫވީ ނައިޓްތަކަށް އަބަދުވެސް ދަރިވަރުންގެ ފަރާތުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.