ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ)ގެ އިސްވާރުން އެހީ ޖަމިއްޔާއިން ކުރިޔަށް ގެންދާ ”އެހީ އިފްތާރު“ ޕްރޮގްރާމްގައި މި އަހަރު ވެސް ބައިވެރިވެއްޖެއެވެ.
”އެހީ އިފްތާރު“ ޕްރޮގްރާމަކީ އެހީ ޖަމިއްޔާ އިން އިސްނަގައިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ރާއްޖޭގެ އެކިކަންކޮޅުތަކުގަޔާއި މާލޭގެ އެކި މިސްކިތްތަކުގައި ރޯދަ ވީއްލުން އިންތިޒާމު ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. މީގެ އިތުރުން، މި ޕްރޮގްރާމް މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ވެސް ވަނީ ހުޅުވާލެވިފައެވެ. އެހީ ޖަމީއްޔާއިން ކުރިއަށް ގެންދާ މި ޕްރޮގްރާމް ގައި ސުފުރާ އެޅުމުގެ އަމަލީ މަސައްކަތުގައި ފެސާގެ ފިރިހެން އިސްވާރުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކޮންމެ ދުވަހެއްގެ 5:30 ގައި މާލޭގެ އެކިއެކި މިސްކިތްތަކުގައި މި ޕްރޮގްރާމް ކުރިޔަށް ގެންދާއިރު، ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ)ގެ އިސްވާރުން އަންނަނީ މަސްޖިދުލް ފުރުޤާނުގައި ސުފުރާ އެޅުމުގެ މަސައްކަތުގައި ބައިވެރިވަމުންނެވެ.
މި ހަރަކާތުގައި ފެސާއިން ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ އެހީ ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ފެސާގެ ފިރިހެން އިސްވާރުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިފަދަ އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް އިސްވާރުންނަށް ފަހިކޮށްދިނުމެވެ.
ކުރިއަށް އޮތްތާގައި މިފަދަ ޙަރަކާތް ތަކުގައިވެސް ފެސާއަށް ނިސްބަތްވާ އެންމެހާ އިސްވާރުންގެ އެއްބާރުލުން ލިބޭނެކަމަށް ފެސާއިން އުންމީދު ކުރެއެވެ.





