ފެކަލްޓީ އޮފް އެޑިއުކޭޝަން އަށް މައިނާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީ ބޯލް ޓޯނަމަންޓް އިން ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ވިކްޓްރީ ސެލެބްރޭޝަން ނައިޓެއް ބާއްވައިފިއެވެ.
މި ހަރަކާތް ބާއްވާފައިވަނީ އޭޕްރިލް 30 ވީ ބުދަ ދުވަހުގެ ރޭ، އެފް.އީ އޮޑިޓޯރިއަމް ގައެވެ. އެމް.އެން.ޔޫ.އެސް.ޔޫ އިން ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން ތަމްސީލު ކުރަން ބައިވެރިވި ދަރިވަރުންނާއި، މުބާރާތުގައި ކޯޗުކަން ކޮށްދިން ފަރާތްތަކާއި، އެހީތެރިވެދެއްވި ފަރާތްތަކުގެ އިތުރުން އެފް.އީގެ ލެކްޗަރަރއިންނާއި އެމް.އެން.ޔޫ.އެސް.ޔޫ ގެ ރައީސް އިބްރާހިމް މިޝްއަލް މޫސާ ވަނީ މި ހަފްލާގައި ބައިވެރިވެފައެވެ.
މި ހަފްލާގެ މަގްޞަދަކީ މި މުބާރާތުން އެފް.އީ އަށް ރަން ވަނަ ތައް ހޯދައިދިން ދަރިވަރުންނާއި، މުބާރާތުގައި އެފް.އީ އިން ބައިވެރިވި ދަރިވަރުންގެ މިންނެތް މަސައްކަތް އަގުވަޒަންކޮށް ޝުކުރުއަދާކުރުމެވެ.
މި ހަފްލާގައި ބައިވެރިންނާއި މުހާތަބު ކުރައްވަމުން ފެސާގެ ރައީސް، އައިޝަތު މައީޝާ ހާތިމް ވަނީ ފެސާއަށް ލިބުނު ކާމިޔާބީތައް ފާހަގަކޮށް މަރުހަބާ ކިޔާފައެވެ. އަދި ޑީން އަށާއި ލެކްޗަރަރއިންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. ނިންމާލަމުން މައީޝާ ވަނީ ކުރިޔަށް ހުރި މުބާރާތްތަކުގައި ވެސް ގިނަ ކުދިން ބައިވެރިވެ، ކާމިޔާބީ ހޯދަން މަސައްކަތް ކުރުމަށް ހިތްވަރުދީފައެވެ.
ފެސާގެ އުއްމީދަކީ، އިސްވާރުންގެ ފަރާތުން މި މުބާރާތުގައި ފެނިގެންދިޔަ ޖޯޝާއެކު ކުރިއަށް ހުރި ހަރަކާތްތަކާއި މުބާރާތްތައް ކާމިޔާބުކަމާއެކު ނިންމާލުމެވެ.





