ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އަދި ހޯޕް ރޯވާޒް ގުޅިގެން ކުޑަ ކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ”އާދޭ ކޮއްކޮމެން“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި އިވެންޓް ކުރިޔަށް ގެންގޮސްފައިވަނީ 10 މެއި ވީ ހޮނިހިރު ދުވަހު ހަވީރު 4 ގަޑި ސުންމިނެއްޓުން 6 ގަޑި ސުންމިނެއްޓަށެވެ. މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ އއ.މާޅޮހު ދަނޑުގައެވެ. މި ހަރަކާތަކީ ފެސާގެ އިސްވާރުންނާއި ހޯޕް ރޯވާޒް ގެ އިސްވާރުން އިސްނަގައިގެން އއ.މާޅޮހުގައި ދިރިއުޅެމުންދާ ކުޑަ ކުދިންނަށްޓަކައި ކުރިޔަށް ގެންދެވުނު ހަރަކާތެކެވެ. މި ހަރަކާތުގައި ކުޑަ ކުދިންނަށް އެކި ކަހަލަ މަސައްކަތް ހަވާލުކޮށް ހަދިޔާ ދިނުމާއި، ކުޑަ ކުދިންގެ ދުވަހުގެ ޝުޢޫރު ފާޅު ކުރުމުގެ ފުރުސަތު ދެވުނެވެ. މީގެ އިތުރުން، ދުވަހުގެ ޚާއްސަ ފޮޓޯ ފޮރޭމާއި އެކު ފޮޓޯ ނެގުމުގެ ހަރަކާތަކާއި ބޮޑުބެރު ވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.
މި ހަރަކާތުގެ މަޤްޞަދަކީ ކުޑަ ކުދިންގެ ދުވަހުގެ މުނާސަބަތުގައި ފެސާގެ އިސްވާރުން އެކުދިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮއްލުމާއި، އެ ކުދިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރުމެވެ.
މި އިވެންޓް މިހާ ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންދެވުނީ އިވެންޓް ރާވާ ހިންގުމުގެ އަމަލީ އެންމެހާ މަސައްކަތްތަކުގައި ބައިވެރިވި ފެސާ އަދި ހޯޕް ރޯވާޒްގެ އިސްވާރުންގެ ފުރިހަމަ އެއްބާރުލުމުގެ ސަބަބުންނެވެ. ފެސާގެ އިސްވާރުންގެ ފަރާތުން މި ހަރަކާތް ކުރިޔަށް ގެންދިޔުމަށް ލިބުނު އެއްބާރުލުމާއި އެހީތެރިކަން ކުރިޔަށް ހުރި ހަރަކާތްތަކުގައި ވެސް ލިބިގެންދާނެ ކަމަށް ފެސާއިން އުއްމީދުކުރެއެވެ.






