2026 ވަނަ އަހަރުގެ ފުރަމާތަ ސެމިސްޓަރގައި ފެކަލްޓީ އޮފް އެޑިޔުކޭޝަނާއަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ބޭއްވި ”ފެސާ ވެލްކަމް ނައިޓް“ ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.
17 ފެބުރުއަރީ ވީ އަންގާރަދުވަހުގެ ރޭ މަންހަޓަން ބިޒްނަސް ހޮޓެލްގެ ބެންކުއެޓް ހޯލްގައި ބޭއްވުނު މި ހަރަކާތުގައި ގާތްގަނޑަކަށް 20 ދަރިވަރުން ބައިވެރިވެފައިވެއެވެ.
އިވެންޓް ފެށިގެން ދިޔައީ ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) ގެ 2025 ވަނަ އަހަރުގެ ހިންގާ ކޮމިޓީގެ މެމްބަރުންގެ ވާހަކަދެއްކެވުމުންނެވެ. އިވެންޓް ހޯސްޓް ކޮށްދެއްވާފައިވަނީ ނިމިދިޔަ ދައުރުގައި ނައިބުރައީސް(އިތުރު ހަރަކާތް) ޔޫސުފް ޝައިހާން އިސްމާއިލް އެވެ.
އެއަށްފަހު އަލަށް ހިންގާ ކޮމިޓީއަށް އިންތިހާބުވެފައިވާ މެމްބަރުން ތައާރަފުވެ ދެއްކި ވާހަކައިގައި ފެސާ އިން މި ޓާމުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި، އެމް.އެން.ޔޫ.އެސް.ޔޫ އިން މި ޓާމުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ކުރު ހުލާސާއެއް ދެއްވިއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ގެ ހިންގާ ކޮމިޓީ ގެ މެމްބަރުން އަދި އެމް.އެން.ޔޫ ކައުންސިލްގެ ސޫޑެންޓް ރެޕްރެޒެންޓެޓިވް ވެސް މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ދަރިވަރުންނާ މުހާތަބުކުރައްވަމުން ވިދާޅުވެފައިވަނީ ފެސާއިން ހިންގާ ހަރަކާތްތަކުގައި އަދި އެމް.އެން.ޔޫ.އެސް.ޔޫ ގެ ގިނަ ހަރަކާތްތަކުން މިކުދިންގެ ބައިވެރިވުން ފެނި އެހީތެރިކަން ލިބިގެން ދަނެކަމަށް އުއްމީދުކުރާކަމަށެވެ.
ހަމައެހެންމެ އެމްއެންޔޫ އެޑްވައިޒަރީ ބޯޑްގެ މެންބަރު އަދި ފެސާގެ އިސްވާރު އަރުޝަދް އަޝްރަފް ވަނީ ނިމިދިޔަ ދައުރުގައި ފެސާއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، އެ ކާމިޔާބީތައް ފެސާއަށް ހޯދައިދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ބަޔަކީ ފެސާގެ އިސްވާރުން ކަމަށް ފާހަގަ ކުރައްވާ ދަރިވަރުންނަށް މުހާތަބު ކުރައްވާފައެވެ.އަރޫ އިލްތިމާސްކުރައްވާފައިވަނީ މި ފެށޭ ދައުރުގައި ވެސް މި ކާމިޔާބީތައް ދަމަހައްޓަާ ފެސާއަށް ރީތިނަން ހޯދައިދޭން ދަރިވަރުންގެ އެއްބާރުލުން ދެއްވުމަށާއި،އިތުރު ހަރަކާތްތަކަށް ދޭ ސަމާލުކަން ކިޔެވުމަށްވެސް ދީގެން ކުރިއަށްދިޔުމަށެވެ.
ގިނަ ގޭމްތަކަކާއިއެކު ކުރިޔަށްގެންދެވުނު މި ހަރަކާތުގައި ފެސާގެ އިސްވާރުންގެ ފަރާތުން ވަނީ މުނިފޫހި ފިލުވުމުގެ އައިޓަމްތަކެއް ހުށަހަޅާދީފައެވެ. މި ހަރަކާތްތަކަށް ބައިވެރިންގެ ފަރާތުން ވަނީ ފުރިހަމަ އެއްބާރުލުމާއި ހޫނު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
ވެލްކަމް ނައިޓްގެ މައިގަނޑު މަގްސަދަކީ އަލަށް ގުޅުނު ދަރިވަރުންނާ ގުޅުން ބަދަހިކޮށް، މަޖާކޮށްލާ، އެކުވެރިކަން އާލާކުރުމަށް އުފާވެރި މާހައުލެއްގައި ހޯދާ ދިނުންކަމުގައި ވާއިރު، މިހަރަކާތުން ފެސާ އަށް އަލަށް ގުޅެން ޝައުގުވެރިވި ދަރިވަރުންނަށް އެފުރުސަތު ފަހިވެގެން ގޮސްފައިވެއެވެ.
ހަރަކާތް ނިމިގެން ދިޔައީ ބިލެއްމީރުކުރުމަކާއި ގްރޫޕް ފޮޓޯއަކުންނެވެ. އަދި ނިންމާލުމުގެ ގޮތުން އަލަށް ގުޅުނު ދަރިވަރުންވަނީ ޝުޢޫރު ފާޅުކުރައްވާ ފެސާގެ ހިންގާ ކޮމިޓީއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފައެވެ.






