ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ސްކޫލް އޮފް މެޑިސިންގައި ގާއިމްކޮށްފައިވާ ގޮފި ކޮންސޯޓިއަމް އޮފް މެޑިކަލް ސްޓޫޑަންޓްސް-މެޑިކޯސް އަދި ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށި ކެމްޕަހުގައި ގާއިމުކޮށްފައިވާ ގޮފި، ގުރުޒު ގުޅިގެން އިންތިޒާމުކުރާ ”އެމް.އެން.ޔޫ.އެސް.ޔޫ 10ކޭ ސްޓެޕްސް – ބޮޑުތިލަދުންމަތި 2024″ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އޮކްޓޫބަރ 19 ވަނަ ދުވަހުގެ ހަވީރު 16:00ގައި ކުޅުދުއްފުށި ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ މިދުވުމުގައި މައިގަނޑު ދެކެޓަގެރީއެއްގައި ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައެވެ. އެއީ 5ކިލޯމީޓަރު އަދި 10ކިލޯމީޓަރެވެ. މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގެ ކުރިމަތިންނެވެ.
މިހަރަކާތުގެ ބައިވެރިވުމުގެ ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 100ރުފިޔާ އެވެ. ދުވުމުގައި ބައިވެރިވާ ކޮންމެ ބައިވެރިޔަކަށްވެސް ދުވުމުގެ ބިބް ނަންބަރުގެ އިތުރުން، ދުވުން ފުރިހަމަ ކުރުމުން ފިނިޝަރސް މެޑަލްއެއް ލިބޭނެއެވެ. އަދި މީގެ އިތުރުން ދުވުމަށް ޚާއްސަ ޓީޝާޓް ގަތުމުގެ ފުރުސަތު ބައިވެރިންނަށް ވަނީ ހުޅުވާލެވިފައެވެ،
މިހަރަކާތް އިންތިޒާމުކުރުމުގެ މައިގަނޑު މަޤްސަދަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ދުވާލަކު 10،000 ފިޔަވަޅު އެޅުމުގެ މުހިންމުކަމާއި، ކަސްރަތުކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމުވެ.
މިހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގެ ގިނަ މުއައްސަސާތަކަކާއި، ޖަމިއްޔާ ޖަމާއަތްތައް އަދި ވިޔަފާރިތަކާއި ގުޅިގެންނެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށި ސިޓީ ޕޮލިސް އަދި ހދ.އަތޮޅު ކައުންސިލުގެ ފުރިހަމަ އެހީތެރިކަން މިހަރަކާތައް ދެއްވާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ. އަދި މިހަރަކާތުގެ ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި އިންކްވެލް.އެމްވީ އާއެކު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.
މިދުވުމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އޮކްޓޯބަރ 10 ވަނަ ދުވަހުގެރޭ 00:00އެވެ. ސުންގަޑިހަމަވުމަށްފަހު ބިބް ނަންބަރ ވިއްކުމުގެ މަސައްކަތް ފެށިގެން ކުރިޔަށް ދާނެއެވެ.
ރަޖިސްޓަރޭޝަން ލިންކް:
https://form.jotform.com/242735192136456
މިހަރަކާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެ ގޮފި ގުޅިގެން އަތޮޅު ތެރޭގައި ކުރިޔަށް ގެންދެވޭ މިފަދަ ފުރަތަމަ ހަރަކާތެވެ. މެޑިކޯސް އަދި ގުރުޒުގެވެސް އަމާޒަކީ މިހަރަކާތަކީ ކޮންމެ އަހަރަކުވެސް މިއަށް ވުރެން ފުޅާކޮށް ކުރިޔަށްގެންދެވޭ ހަރަކާތެއްކަމުގައި ހެދުމެވެ.