މެޑިކޯސް، ހީލާސް އަދި ނިއަރެސް ގުޅިގެން ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ’އެމް.އެން.ޔޫ.އެސް.ޔޫ ދުޅަހެޔޮ ޢީދު‘ ވަރަށް ކާމިޔާބުކަމާއެކު ނިންމާލާފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެޕްރީލް 12ވީ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.
މިހަރަކާތުގެ ތެރެއިން ހެލްތް ސްކްރީނިން ސްޓޯލްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. މިސްޓޯލްތަކަށް ޒިޔާރަތް ކުރެއްވި ބޭފުޅުންގެ ބަރުދަނާއި އިސްކޮޅު ބެލުމާއި، ލޭގެ ޕްރެޝަރ އަދި ހަކުރު ހުރި މިންވަރު ބެލުމުގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ. މި ސްޓޯލް ތަކުން ވަނީ ޖުމްލަ 90 މީހުން ސްކްރީން ކުރެވިފައެވެ.
މީގެ އިތުރުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން މައުލޫމާތު ދިނުމުގެ ޚާއްސަ ސްޓޯލެއްވެސް މި ހަރަކާތުގައި ކުރިޔަށް ގެންގޮސްފައިވެއެވެ. މި ސްޓޯލްގައި ކުޑަކުދިންނަށް ހާއްސަ އެކި އެކި ކުޅިވަރުތަކާއި ބޮޑެތިމީހުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ.
ހަމަމިއާއެކު މިހަރަކާތުގެ ތެރެއިން އެމް.އެން.ޔޫ.އެސްޔޫގެ ގޮފިތަކުގެ ފަރާތުން ކުޅިވަރު ސްޓޯލްތަކެއް ވަނީ ކުރިޔަށްގެންގޮސްފައެވެ. ކުޑަކުދިންނަށް އަމާޒުކުރެވިގެން ކުރިޔަށް ގެންދެވުނު މިސްޓޯލްތަކުގައި ހަރަކާތްތެރިވެފައިވަނީ ދަރިވަރުންގެ ޔޫނިއަންގެ އެކިއެކި ގޮފިތަކުގެ ދަރިވަރުންނެވެ. އެގޮތުން ބީއެސްއެސްއޭ، ޝަޓްސް، ސިއާ، ނިއަރެސް، ތަރަހަ އަދި މެޑިކޯސްގެ ފަރާތުން ކުޅިވަރު ސްޓޯލްތަށް ކުރިޔަށްގެންގޮސްފައިވެއެވެ. އަދި މި ސްޓޯލްތަކަށް ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ޒިޔާރަތް ކޮށްފައެވެ. މީގެ އިތުރުން ބެޗަލަރ އޮފް ފިޒިއޮތެރަޕީގެ ދަރިވަރުންގެ ފަަރާތުންވެސް ޚާއްސަ ސްޓޯލެއް ވަނީ ތައްޔާރުކޮށްފައެވެ.
މިހަރަކާތުގައި އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގްރޫޕްގެ ފަރާތުން ވަރަށް ގިނަ ތަފާތު ހުށަހެޅުންތައް ފެނިގެންގޮސްފައިވެއެވެ. އަދި މި ކަމަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއްވެސް ލިބިގެންގޮސްފައިވެެއެވެ.
އަދި މި ހަރަކާތުގެ ތެރޭގައި އިވެންޓަށް ޒިޔާރަތްކުރި އެކިއެކި ކުދިން ވަނީ އެކުދިންގެ ހުނަރުތައްވެސް ދައްކާލާފައެވެ. އެގޮތުން އެކިއެކި ހުނަރުތައް ދައްކާލި ކުޑަކުދިންނަށް ހަދިޔާ ވެސް ވަނީ ދެވިފައެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން، މެޑިކޯސް، ނިއަރެސް އަދި ހީލަރސް ގުޅިގެން ކޮންމެ އަހަރަކުވެސް ސިލްސިލާ ގޮތެއްގައި ދަނީ ހަރަކާތްތައް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން މިއަހަރުވެސް އިތުރު ހަރަކާތްތައް ވަނީ ކުރިޔަށް ރޭވިފައެވެ. މިއީ ތިން ގޮފި ގުޅިގެން ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރާ ތިންވަނަ އަހަރެވެ.