މެޑިކަލް ދަރިވަރުންގެ ތެރޭގައި ވަރަށް ބޮޑަށް މަގުބޫލުކަމެއް ހޯދާފައިވާ ”މެޑިކޯސް ޕަވަރޕޮއިންޓް ނައިޓް“ މި އަހަރުވެސް މެޑިކޯސް އިން އިސްނަގައިގެން ބާއްވައިފިއެވެ. މި އަހަރުގެ ޕަވަރޕޮއިންޓް ނައިޓް ބޭއްވުނީ ސެޕްޓެމްބަރ 19 ވީ ހުކުރު ދުވަހުގެ ރޭ، އެފް.އެސް.އެޗް ބިލްޑިންގައި، އެ ސް އެމް ގެ ދަރިވަރުންނަށް ހުޅުވައިލައިގެންނެވެ.
ކޮންމެ އަހަރަކުވެސް މެޑިކޯސް އިން އިސްނަގައިގެން ބާއްވަމުން އަންނަ މި ޕްރޮގްރާމުގައި، ތަފާތު އުފެއްދުންތެރި މައުޟޫތަކަށް ހުޅުވާލެވިގެން ދަރިވަރުން ޕްރެޒެންޓޭޝަންތައް ހުށަހަޅައެވެ.މިއީ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި ރަހުމަތްތެރިކަން ބަދަހިކުރުމުގެ ގޮތުން ބޭއްވޭ މަޖާ އަދި އުފެއްދުންތެރި އިވެންޓެކެވެ. މެޑިކަލް ދަރިވަރުންގެ ތެރޭގައި މި ނައިޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ.
މި އަހަރުގެ ޕީޕީޓީ ނައިޓްގައި މުޅިއެކު 11 ޕްރެޒެންޓޭޝަން ދަރިވަރުން ހަދާފައިވެއެވެ. އަދި މި ޕްރެޒެންޓޭޝަންތައް ހުށަހެޅުމަށް، ގުރުއަތުން ހޮވުނު 11 ދަރިވަރުން ވަނީ ހަރަކާތްތެރިވެފައެވެ.
މިކަމުން ދަރިވަރުންގެ ތެރޭގައި ތަފާތު މައުޟޫތަކަށް ދިރާސާކުރުމާއި، އެ މައުލޫމާތުތައް އެހެން ކުދިންނަށް ހުށަހަޅައިދިނުމުގެ ޝައުގުވެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދެއެވެ.އަދި ދަރިވަރުންގެ މައުލޫމާތު މުއްސަނދިވެ ކެރުންތެރިކަން ކުރި އެރުވުމަށްވެސް މިއީ ފަހި ފުރުސަތެކެވެ.





