ޢެމް.އެން.ޔޫ.އެސް.ޔޫ އާއި ޝެޓްސް ގުޅިގެން ހިރިޔާ ސްކޫލްގެ އެތިކްސް ކްލަބްގެ ދަރިވަރުންނަށް ޚާއްސަ ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަންގައި ހިރިޔާ ސްކޫލްގެ އެތިކްސް ކްލަބްގެ 20 ދަރިވަރުންވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ގްރޭޑް 7،8 އަދި 9 ގެ ދަރިވަރުން ހިމެނެއެވެ. ޢެމް.އެން.ޔޫ.އެސް.ޔޫ ގެ ފުރިހަމަ އެއްބާރުލުމާއެކު މި ސެޝަން ނަގައިދިނީ ޝެޓްސްގެ ހިންގާ ކޮމެޓީގެ މެންބަރުންގެ ތެރެއިނެ މީކާއިލް، ޒައިދު، ޝިއުރާ އަދި ރިފްޤާއެވެ.
މި ސެޝަނަކީ ފަތުރުވެރިކަމުގެ ދާއިރާއަކީ ކޮބައިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތަށް ކިޔައިދިނުމަށް ބޭއްވި ހަރަކާތެކެވެ. ހަމަ އެހެންމެ ފަތުރުވެރިކަން ރާއްޖޭގައި ފެށުނު ގޮތާއި، އޭރުގެ ހާލަތާއި، މިހާރު ފަތުރުވެރިކަމަށް އައިސްފައިވާ ޢިންޤިލާބީ ބަދަލުތަށް ވަނީ ކިޔަދީފައެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިސަމް ސްޓަޑީސް ގައި ފަތުރުވެރިކަމުގެ ދާއިރާއިން ހުރި ރަނުގެ ފުރުސަތުތަށް ވަނީ ކިޔައިދީފައެވެ.


ހިރިޔާ ސްކޫލްގެ އެތިކްސް ކްލަބްގެ ދަރިވަރުންނަށް ނަގައިދިން މި ސެޝަނަކީ ޝެޓްސްގެ ފަރާތުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ނަގައިދިން ފުރަތަމަ ސެޝަނެވެ. ޝެޓްސް އިން ދަނީ މިކަހަލަ އިތުރު ސެޝަންތަކެއް ބޭއްވުމަށް ރާވަމުންނެވެ.
މި ސެޝަނަކީ އެމް.އެން.ޔޫ.އެސް.ޔޫ އާއި ޝެޓްސް ގުޅިގެން މިއަހަރު ބޭއްވި ދެވަނަ ހަރަކާތެވެ. އެމް.އެން.ޔޫ.އެސް.ޔޫ ގެ ފުރިހަމަ އެއްބާރުލުމާއެކު،ޝެޓްސްއިން ގިނަގުނަ ޢިލްމީ އަދި ޢަމަލީ ޙަރަކާތްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ލިޔުނީ: ޙުސައިން ޒައިދު
ނައިބު ރައީސް (ޢަމަލީ)، ޝެޓްސް