ޝެޓްސްއާއި އެސް.އެސް.އެލްއިން ވަނީ 3 އޮން 3 އިންޑޯ ފުޓްސަލް ޓޯނަމެންޓު ނޮވެންބަރު 24 ން 26 ށް ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސްފިއެވެ.
މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްއާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ދަރިވަރުންނަށް ހުޅުވާލައިގެން އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތުންނެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގައި 14 ޓީމަކާއި އަންހެން ޑިވިޝަނުގައި 3 ޓީމެއް ވާދަކޮށްފައިވެއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްއަށް ދަތުރުކޮށްފައިވަނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޓީމް ’ފޯ ޑަބްލިއު‘ އާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ޓީމް ’އެފް.އެޗް.ޓީ.އެސް އެސް.ސީ‘ އެވެ.
މުބާރަތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ފޯރިގަދަ ކުޅުމެއް ދައްކާ ’އެފް.އެޗް.ޓީ.އެސް އެސް.ސީ’ގެ މައްޗަށް ފައިނަލުގެ ދެވަނަ ހާފުގައި ލަނޑެއް ޖަހާ ފައިނަލް މެޗު ކާމިޔާބުކޮށްދައިވަނީ ’ފޯ ޑަބްލިއު’އެވެ. ’ފޯ ޑަބްލިއު‘ ޓީމަށް ތަށި ހޯދަ ދިން ލަނޑު ޖަހައިދީފައިވަނީ އައްމާރު އާދަމެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ’ލަ މާސިއާ‘ ޓީމުގެ ހުސައިން އަހުނަފެވެ. ހުސައިން އަހުނަފް ވަނީ މި މުބާރާތުގައި 15 ގޯލު ’ލަ މާސިއާ‘ ޓީމަށް ޖަހައިދީފައެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްއަށް ދަތުރުކޮށްފައިވަނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޓީމް ’ކަމަނަ އެފް.ސީ‘ އާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ’ރަތް ބާޒު‘ ޓީމެވެ. މި ޑިވިޝަނުގެ ފައިނަލުގައި ”ކަމަނަ އެފް.ސީ“އާ ދެކޮޅަށް މުސްލިމާ އާދަމް ޖަހައިދިން ދެ ލަނޑުގެ ތަފާތުން، މުބާރާތް ކާމިޔާބު ކޮށްފައިވަނީ ’ރަތް ބާޒު‘ ޓީމެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފް.އެޗް.ޓީ.އެސް.ގެ ’ރަތް ބާޒު‘ ޓީމުގެ މުސްލިމާ އާދަމެވެ. ’ރަތް ބާޒު‘ ޓީމު މުބާރާތުގެ ފައިނަލާއި ހަމައަށް ދަތުރުކޮށް ތަށި ކާމިޔާބުކުރުމުގައިވެސް މުސްލިމާގެ މޮޅު ކުޅުން ބޮޑު ދައުރެއް އަދާކޮށްދީފައިވެއެވެ. މުސްލިމާ މި މުބާރާތުގައި 5 ގޯލު ’ރަތް ބާޒު‘ ޓީމަށް ޖަހައިދީފައިވެއެވެ.
ޝެޓްސް – އެސް.އެސް.އެލް 3 އޮން 3 ޓޯނަމެންޓަކީ ޝެޓްސްއާއި އެސް.އެސް.އެލް ގުޅިގެން އިންތިޒާމުކޮށް އެމް.އެން.ޔޫގެ ދަރިވަރުންނަށް ފަހުގެ ތާރީހެއްގައި ކުރިޔަށް ގެންގޮސްފައިވާ މިފަދަ ފުރަތަމަ މުބާރާތެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މުބާރާތް ބާއްވާފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައެވެ.





