ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑު ޓޫރިޒަމް ސުޓަޑީޒް (އެފް.އެޗް.ޓީ.އެސް) އާއި ސޮސައިޓީ ފޯރ ހޮސްޕިޓާލިޓީ އެންޑު ޓޫރިޒަމް ސުޓަޑީޒް (ޝެޓްސް) ގުޅިގެން އެފްއެޗްޓީއެސް ގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންގޮސްފިއެވެ. މާރިޗު މަހުގެ 2 ވަނަ ދުވަހު ހަވީރު 4 ން ރޭގަނޑު 9 ށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ސެންޓުރަލް އޮޑިޓޯރިއަމްގައި ކުރިޔަށް ދިޔަ މި ސެޝަނުގައި ދެ މައުޟޫއަކަށް ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.
ހަވާރޑު ރެފެރެންސިންއާއި ބެހޭގޮތުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ޑެޕިއުޓީ ލައިބުރޭރިއަން ރިޝްފާ އިބުރާހިމް މައުލޫމާތު ދީފައިވާއިރު ރިސާޗު ސުޓުރެޖީސް އަދި އިންފޮމޭޝަން އެވެލުއޭޝަންއާއި ބެހޭގޮތުން މައުލޫމާތު ދީފައި ވަނީ ޗީފް ލައިބުރޭރިއަން ޑރ. އާމާލް އަލީއެވެ.
މި ސެޝަންއަކީ ދަރިވަރުންގެ އެސައިންމަންޓުތައް ހެދުމަށް އެންމެ އެކަށޭނަ މައުލޫމާތު ހޯދިދާނެ ގޮތްތައް ދަރިވަރުންނަށް އޮޅުންފިލުވައިދީ އަދި އެސައިންމަންޓުތަކަށް އެންމެ އެކަށޭނަ ގޮތުގައި އެ މައުލޫމާތުތައް ބޭނުން ކުރެވޭނެ ގޮތްތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމަށް ކުރިޔަށް ގެންދެވުނު ސެޝަން އެކެވެ.
މި ސެޝަނަށް ދަރިވަރުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބިގެން ދިޔައިރު، ޝެޓުސް އާއި އެފްއެޗްޓީއެސް ގުޅިގެން މިފަދަ އިތުރު ސެޝަންތަކެއް އިތުރު މައުޟޫތަކަށް ކުރިޔަށް ގެންދިޔުމަށް މިހާރުވެސް ދަނީ ތައްޔާރީތައް ވަމުންނެވެ.






