ޝެޓްސްގެ ލޫމޯސް ދި ޓެލެންޓް ޝޯވ 2022 ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސްފިއެވެ. ލޫމޯސް ދި ޓެލެންޓް ޝޯވ އަކީ އެފް.އެޗް.ޓީ.އެސްގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ހާއްސަކޮށް އަދި އެމް.އެން.ޔޫ.އެސް.ޔޫ.ގެ އެހެނިހެން ގޮފިތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ ޝޯވއެކެވެ. 2022 އޮކްޓޫބަރު 29 ވީ ހޮނިހިރު ދުވަހުގެ ރޭގަނޑު 08:15 ގައި އެމް.އެން،ޔޫ ގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ފެށި މިޝޯވއަށް ވަނީ، ބެލުންތެރިންގެ ފަރާތުން ހޫނު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
މިއަހަރުގެ ޝޯވގައި އެފް.އެޗް.ޓީ.އެސްގެ ދަރިވަރުންގެ ފަރާތުން 7 އައިޓަމެއް ހުށަހަޅައިދިންއިރު އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތައް ކަމަށްވާ ތަރަހަ، ނިއަރެސް އަދި ފެސާގެ ފަރާތުން ވަނީ އައިޓަމް ހުށަހަޅައިދީފައެވެ. ވަންޝޮޓް އިވެންޓްސްގެ ފަރާތުން މި ޝޯވގައި ސަޕްރައިޒް އައިޓަމެއް ހުށަހަޅައިދިންއިރު ޝޯވ ނިމިގެން ގޮސްފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގުރޫޕްގެ ފޯރިގަދަ ހަރަކާތްތަކާ އެކުއެވެ.
ލޫމޯސް ދި ޓެލެންޓް ޝޯވއަކީ ކިޔެވުމުގައި ބުރަކޮށް އުޅެމުންވެސް ދަރިވަރުންނަށް ލިބޭ ހުސްވަގުތުތައް އެކުވެރި، މަޖާ މާހައުލެއްގައި ހޭދަކުރުމަށް ބާއްވާ ހަރަކާތެކެވެ. އަދި މީގެ އިތުރަށް ދަރިވަރުންގެ މެދުގައި މުނިފޫހި ފިލުވުމުގެ ފަންނުގެ ހުނަރުތައް ކުރިއަރުވާ ފުރުސަތުތައް ފަހިކުރުމީވެސް މި ޝޯވގެ މަގުސަދެކެވެ.
ލޫމޯސްގެ ކާމިޔާބު ހަރަކާތްތަކަށް ފަހު ޝެޓްސް އިން އަންނަނީ މި މަހުގެ 12 ވަނަ ދުވަހުގެރޭ އޮންނަ އެމް.އެން.ޔޫ.އެސް.ޔޫ ޕްރެޒެންޓްސް ދި ނެކްސްޓް ލެވެލް ޝޯވގައި ދެ އައިޓަމެއް ހުށަހަޅައިދިނުމަށް ތައްޔާރު ވަމުންނެވެ. ނިމިދިޔަ 2021 ވަނަ ޝެޓްސް އިންވަނީ އެމް.އެން.ޔޫ.އެސް.ޔޫ ޕްރެޒްންޓްސް ދި ނެކްސްޓް ލެވެލް ޝޯވގެ ފަޚުރުވެރި އެއްވަނަ ހޯދައިފައެވެ.





