ސޮސައިޓީ ފޯރ ހޮސްޕިޓާލިޓީ އެންޑު ޓުއަރިޒަމް ސުޓަޑީޒް (ޝެޓްސް) އަދި ސުޓޫޑެންޓް އިނިޝިއޭޓިވްސް އޮފް އަރޓްސް (ސިއާ) އިން އިސްނަގައިގެން 2023 ވަނަ އަހަރުގެ ދެވަނަ ޓަރމަށް ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑު ޓުއަރިޒަމް ސުޓަޑީޒް (އެފް.އެޗް.ޓީ.އެސް) އަދި ފެކަލްޓީ އޮފް އަރޓްސް (އެފް.އޭ) އަށް އަލަށް ގުޅުނު ދަރިވަރުންނަށް ހާއްސަކޮށް މި އަހަރުގެ ދެވަނަ ޓަރމުގެ ވެލްކަމް ނައިޓް ކުރިޔަށް ގެންގޮސްފިއެވެ.
25 އޮގަސްޓް 2023 ވީ ހުކުރު ދުވަހުގެރޭ އެމް.އެން.ޔޫގެ ޕީ.އީ ހޯލްގައި ކުރިޔަށް ގެންދެވުނު މި ހަރަކާތުގައި އެފް.އެޗް.ޓީ.އެސް އަދި އެފް.އޭ ގެ ކޯސްތަކަށް އަލަށް ގުޅުނު 50 ށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ޝެޓްސްގެ އަދި ސިއާގެ ހިންގާ ކޮމެޓީއިން އިސްނަގައިގެން، ޝެޓްސް އަދި ސިއާގެ އިސްވާރުންގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދެވުނު މި ހަރަކާތަކީ ދެ ފެކަލްޓީގެ ކޯސްތަކަށް އަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ކިޔުމުގެ އިތުރަށް ޝެޓްސް އަދި ސިއާގެ ހަރަކާތްތަކާ އަލަށް ގުޅެން ބޭނުންވާ އިސްވާރުންނަށް އެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.
އެކުވެރި މާހައުލެއްގައި ކުރިޔަށް ގެންދެވުނު މި ހަރަކާތުގައި، އަލަށް ގުޅުނު ދަރިވަރުންނަށް، ޝެޓްސް އަދި ސިއާގެ ހިންގާ ކޮމެޓީ އަދި ކުރީ ދައުރުތަކުގެ ހިންގާ ކޮމެޓީގެ މެމްބަރުން ތައާރަފު ވުމުގެ އިތުރަށް އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީގެ މެމްބަރުންވެސް ވަނީ ދަރިވަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަވާފައެވެ. ގިނަ ގޭމްތަކަކާއެކު ކުރިޔަށްގެންދެވުނު މި ހަރަކާތުގައި ޝެޓްސްގެ އިސްވާރުންގެ ފަރާތުން ވަނީ މުނިފޫހި ފިލުވުމުގެ ގިނަ އައިޓަމްތަކެއް ހުށަހަޅާދީފައެވެ. މި ހަރަކާތްތަކަށް ބައިވެރިންގެ ފަރާތުން ވަނީ ހޫނު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
ވެލްކަމް ނައިޓާއެކު ޝެޓްސް އަދި ސިއާގެ މި ޓަރމުގެ ހަރަކާތްތައް ފެށިގެން ދިޔައިރު ޝެޓްސް އަދި ސިއާއިންވަނީ މިއަހަރު ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައެވެ. މި ގޮތުން ޝެޓްސް އަދި ސިއާ ގުޅިގެން މި ޓަރމުގެ ނިއު ލީޑަރސް ޓްރިޕް ދިޔުމަށް ދަނީީ ތައްޔާރުވަމުންނެވެ.





