ކުރިޔަށް އޮތް އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023 ގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ތަށްޓަށް އަމާޒު ހިފާ އެފް.އެޗް.ޓީ.އެސްގެ ޓީމު ތަކުން ފަރިތަކުރުންތައް ފަށައިފިއެވެ. 6 ސެޕްޓެމްބަރ 2023 ވީ ބުދަދުވަހުގެ ހަވީރު 16:00 ގައި މިނީ ޓާފުގައި ފަރިތަކުރުންތައް ފެށިގެން ދިޔައިރު، މިފަހަރުވެސް އެފް.އެޗް.ޓީ.އެސްގެ ޓީމުތަކުގެ ފަރިތަކުރުން ތަކުގައި ގިނަ އަދަދެއްގެ ކުޅުންތެރިން އަންނަނީ ބައިވެރި ވަމުންނެވެ.
އަބްދުﷲ މުހައިމިނު (ބިގަލޯސް މޫއްޓެ) ގެ އިރުޝާދުގެ ދަށުން ދެ ޓީމުގެ ފަރިތަކުރުން ތައް ފަށާފައި ވާއިރު ނިމިދިޔަ 2022 ވަނަ އަހަރުގެ މުބާރާތުގައި މޫއްޓެގެ އިރުޝާދުގެ ދަށުން އެފް.އެޗް.ޓީ.އެސް.ގެ ފިރިހެން ޓީމް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ.
ޓީމްގެ މެނޭޖްމެންޓާއި، ކޯޗު އަދި ކުޅުންތެރިންގެވެސް އަމާޒު، ތަށްޓަށް ހިފާފައިވާއިރު، ޝެޓްސް އިން އަންނަނީ ކުރިޔަށް އޮތް ހަފުތާގައި ޝެޓްސް 3ވީ3 ފުޓްސަލް ޓޯރނަމެންޓް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މިހާތަނަށް މުބާރާތުގެ އެއްވެސް ޑިވިޝަނެއްގެ ތަށި ލިބިފައި ނެތަސް 2017 އަދި 2018 ވަނަ އަހަރުގެ ފިރިހެން ޑިވިޝަންގެ ރަނާސްއަޕް ކަން އެފް.އެޗް.ޓީ.އެސްގެ ޓީމުން ވަނީ ހޯދާފައެވެ.





