ޝެޓުސް ލޫމޯސް ދި ޓެލެންޓް ޝޯވ 13 އޮކްޓޫބަރު 2023 ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ޝެޓްސް އިން ނިންމާފިއެވެ. މިދިޔަ އަހަރެކޭވެސް އެއް ގޮތަށް މި އަހަރުގެ ޝޯވެސް އެމް.އެން.ޔޫ ގެ ސީ.އޭ އޮޑިޓޯރިޔަމްގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާއިރު، މި އަހަރުގެ ޝޯގެ ތީމަކީ ”ހިޓް އޮންދަ ފްލޮރ“ އެވެ.
ޝެޓްސް ލޫމޯސް ދި ޓެލެންޓް ޝޯވ އަކީ އެފް.އެޗް.ޓީ.އެސްގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންށް ހާއްސަ ކޮށްގެން ކޮންމެ އަހަރަކުވެސް ޝެޓްސް އިން ބާއްވަމުން ގެންދާ ޝޯވއެކެވެ. މި ޝޯވ އަކީ އެފް.އެޗް.ޓީ.އެސްގެ ދަރިވަރުންގެ މެދުގައި މުނިފޫހި ފިލުވުމުގެ އައިޓަމްތައް ރާވާ ހިންގުމުގެ ހުނަރު ކުރިއަރުވުމަށާއި، މުނިފޫހި ފިލުވުމުގެ އައިޓަމް ތަކުގެ އިތުރަށް ދަރިވަރުންގެ އިތުރު ހުނަރުތައް ދައްކާލުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމަށް ކުރިޔަށް ގެންދެވޭ ޝޯވ އެކެވެ. އަދި މީގެ އިތުރަށް ވެސް ކިޔެވުމުގެ ތެރޭން ލިބޭ ހުސްވަގުތުތައް ބޭނުންތެރި ގޮތަކަށް އެކުވެރި މާހައުލެއްގައި ހޭދަ ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުމެވެ.
އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް ޝެޓްސް އިންވަނީ އެމް.އެން.ޔޫ.އެސް.ޔޫ ގެ ގޮފިތަކަށް އައިޓަމް ހުށަހަޅާދިނުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ގޮތުން ކޮންމެ ގޮތްޕަކަށް ވެސް އެއް އައިޓަމް ހުށަހާޅާ ދިނުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ހާއްސަ ހުއްދައާ އެކު އެއް އައިޓަމަށް ވުރެ ގިނަ އައިޓަމް ހުށަހަޅާ ދިނުމުގެ ފުރުސަތު ދިނުމަށް ޝެޓްސް އިންވަނީ ނިންމާފައެވެ. އަދި މީގެ އިތުރައްވެސް ޝެޓްސް ގެ ކުރީގެ އިސްވާރުންނާއި އެފް.އެޗް.ޓީ.އެސް ގެ ލެކްޗަރާއިންނާއި މުވައްޒަފުންނަށް ވެސް ވަނީ އައިޓަމް ހުށަހަޅާދިނުމަށް ފުރުސަތު ދެވިފައެވެ. އަދި ވެސް އިތުރު ސަޕްރައިސިން އައިޓަމް ތަށް ޝޯގައި ހިމެނުމަށް ޝެޓްސްގެ ހިންގާ ކޮމެޓީން ދަނީ މަސައްކަތް ކުރަމުންނެވެ.
އައިޓަމްތައް ރަޖިސްޓަރ ކުރުމުގެ ސުންގަޑި 8 އޮކްޓޫބަރު 2023 ވާ އާދިތްތަ ދުވަހުގެ ރޭ 23:30 އައް ހަމަވާއިރު އެފް.އެޗް.ޓީ.އެސްގެ ދަރިވަރުންގެ ގިނަ އައިޓަމް ތަކެއް ފެނިގެން ދާނެކަމަށް ބެލެވެއެވެ. ޝެޓްސް ގެ ހިންގާ ކޮމެޓީގެ އިސްނެގުމާއެކު ބައެއް އައިޓަމްތަކުގެ ތައްޔާރީތައް މިހާރުވެސް ފަށާފައި ވާއިރު މި އަހަރުގެ ޝޯއަކީ ނިމިދިޔަ އަހަރު ތަކަށް ވުރެ ފޯރިގަދަ އައިޓަމް ތަކެއް ފެނިގެންދާނެ ޝޯއެއް ކަމަށް ބެލެވެއެވެ.





