އެމް.އެން.ޔޫ.އެސް.ޔޫގެ ދިހަ ވަނަ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާ އެފް.އެޗް.ޓީ.އެސްގެ އަންހެން އަދި ފިރިހެން ޓީމު އެކުލަވާލުމުގެ މަސައްކަތްތައް ފަށައިފިއެވެ.
އަންނަ އޭޕްރީލް މަހުގެ ފަހުކޮޅު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފަރިތަކުރުންތަކަށް އެމް.އެން.ޔޫ ގެ ޕީ.އީ ހޯލް ހުޅުވާލައިފައި ވާއިރު 16 މާރިޗު 2024 ވީ ހޮނިހިރު ދުވަހުގެ ރޭ، އެފް.އެޗް.ޓީ.އެސްގެ ފިރިހެން ޓީމްގެ ފުރަތަމަ ސިލެކްޝަން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެފް.އެޗް.ޓީ.އެސް.ގެ ފިރިހެން ޓީމަށް ކުޅުމަށް 16 ކުޅުންތެރިން ވަނީ ސިލެކްޝަން ތަކުގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްފައެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރަން އެކުލަވާލަމުން އަންނަ އެފް.އެޗް.ޓީ.އެސްގެ އަންހެން ޓީމަށް 12 ކުޅުންތެރިން އަދި ހަމަވެފައި ނުވާއިރު ޓީމުގެ ސިލެކްޝަންގައި ބައިވެރިވާން ޝައުގުވެރިވާ އިތުރު ކުޅުންތެރިން ހޯދުމަށް ޝެޓްސްގެ ހިންގާ ކޮމެޓީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމް.އެން.ޔޫގެ އެހެން ފެކަލްޓީ، ސެންޓަރު އަދި ކެމްޕަސް ތަކުގެ ތެރެއިން އެފް.އެޗް.ޓީ.އެސްގެ އަންހެން ޓީމަށް ކުޅުންތެރިން ހޯދުމަށް ދަރިވަރުންގެ ޔޫނިއަންގެ އެހެން ގޮފިތަކާ ދަނީ މަޝްވަރާ ކުރެވެމުންނެވެ.
އެފް.އެޗް.ޓީ.އެސްގެ ދެ ޓީމައްވެސް ކޯޗެއް އަދި ހަމަޖެހިފައި ނުވާއިރު، ކޯޗުކަމުގެ މަގާމު ހަވާލުކުރުމަށް ތިން ފަރާތަކާ ވާހަކަ ދެކެވެމުންދާކަމަށް ޝެޓްސްގެ ނައިބު ރައީސް (އިތުރު ހަރަކާތް) އަޝްރަފް އާމިރު މައުލޫމަތުދެއެވެ.
މި ހަފުތާ ތެރޭގައި ޓީމުތައް އެކުލަވާލައި ދެ ޓީމަށް ކޯޗުން ހަމަޖެއްސުމަށްފަހު އަންނަ ހަފުތާގައި ދެ ޓީމުގެވެސް ރަސްމީ ފަރިތަކުންތައް ފެށުމަށް ޝެޓްސްގެ ހިންގާ ކޮމެޓީން ދަނީ މަސައްކަތްކުރަމުންނެވެ.
2 ރަން މެޑަލް އަދި 3 ރިހި މެޑަލްއާއެކު އެފް.އެޗް.ޓީ.އެސްގެ ފިރިހެން ޓީމަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ނަމަވެސް އެފް.އެޗް.ޓީ.އެސްގެ އަންހެން ޓީމަށް މުބާރާތުގެ ގުރޫޕް ސްޓޭޖަށްވުރެ ދުރަށް ދަތުރު ކުރެވިފައި ނުވި ނަމަވެސް މިފަހަރުގެ އަމާޒަކީ އެފެ.އެޗް.ޓީ.އެސްގެ ދެ ޓީމުންވެސް މުބާރާތުގައި ރަންމެޑަލް ހޯދުމެވެ.






