’ރަމަޟާން ޓްރިވިއާ‘ ގެ ނަމުގައި ޝެޓްސް އިން މި ރަމަޟާން މަހު މުޅިން އަލަށް ކުރިޔަށް ގެންދާ ސުވާލު މުބާރާތުގެ ފުރަތަމަ ސުވާލަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ޝެޓްސް އިން މި ރަމަޟާން މަހަށް ހާއްސަ ކޮންގެން ފެށި މި ސުވާލު މުބާރާތުގެ ސުވާލު ކޮންމެ ހުކުރު ދުވަހެއްގެ ރޭގަނޑު 00:00 ގައި ޝެޓްސް ގެ ފޭސްބޫކް ޕޭޖް މެދުވެރިކޮށް އާންމުންނާ ހިއްސާ ކުރެވިގެންދާނެއެވެ. ސުވާލުގެ ރަނގަޅު ޖަވާބު ކޮމެންޓް ކުރެއްވުމުގެ އެންމެ ފަހުވަގުތަކީ އެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ރޭގަނޑު 23:50 އެވެ. މި ސުވާލު މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ރަނގަޅު ޖަވާބު ކޮމެންޓް ކުރުމުގެ އިތުރުން ސުވާލު ހިމެނޭ ފޭސްބޫކް ޕޯސްޓައް ރިއެކްޓް ކުރުމަށްފަހު އެބޭފުޅެއްގެ ފޭސްބޫކް ފީޑަށް ސުވާލު ހިމެނޭ ޕޯސްޓް ޝެއަރ ކުރަންވާނެއެވެ.
މި އަހަރުގެ މި މުބާރާތުގައި ބައިވެރިންނާ ހިއްސާ ކުރެވިގެންދާ ހަތަރު ސުވާލަކީވެސް ހަލާލް ޓުއަރިޒަމްއާ ގުޅުންހުރި ސުވާލުތަކެވެ.
ކޮންމެ ހަފުތާއަކުވެސް ސުވާލުގެ ރަނގަޅު ޖަވާބު ކޮމެންޓް ކޮށް ސުވާލާއެކު ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލު ކުރައްވާ ބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވޭ ކޮންމެވެސް އެއްފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ލިބިގެންދާނެއެވެ. ގުރުއަތު ނެގުން ކުރިޔަށްދާނީ ޝެޓްސްގެ ފޭސްބޫކް ޕޭޖް މެދުވެރިކޮށް ގެނެސްދެވޭ ލައިވްއެއްގައި، މި މުބާރާތުގައި މި އަހަރު ހިއްސާ ކުރުމަށް ހަމަޖެހިފައިވާ 4 ސުވާލު ހިއްސާ ކޮށް ޖަވާބު ދިނުމުގެ މުއްދަތް ހަމަވުމުންނެވެ.
ޝެޓްސްގެ އަމާޒަކީ މި މުބާރާތް މެދުވެރިކޮށް އާއްމުންނަށް ހަލާލު ޓޫރިޒަމް އާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި ހޭލުންތެރިކަން އިތުރުކުރުމެވެ.






