ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް ގެ ގޮފި ސޮސައިޓީ ފޯރ ހޮސްޕިޓާލިޓީ އެންޑު ޓުއަރިޒަމް ސްޓަޑީޒް (ޝެޓްސް) އިން އިސްނަގައިގެން 2024 ވަނަ އަހަރުގެ ދެވަނަ ޓަރމަށް އެފެކަލްޓީއަށް އަލަށް ގުޅުނު ދަރިވަރުންނަށް ހާއްސަކޮށްގެން ބޭއްވި މި އަހަރުގެ ދެވަނަ ޓަރމުގެ ”ޝެޓްސް ވެލްކަމް ނައިޓް“ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
އޯގަސްޓް 30 ވީ ހުކުރު ދުވަހުގެ ރޭ އެމް.އެން.ޔޫ ޕީ.އީ ހޯލްގައި ކުރިޔަށް ގެންދެވުނު މި ހަރަކާތުގައި ބައިވެރިވުމަށް އެފް.އެޗް.ޓީ.އެސްގެ ކޯސްތަކަށް އަލަށް ގުޅުނު 40 އަށް ވުރެ ގިނަ ދަރިވަރުން ނަންނޯޓް ކޮށްފައި ވީނަމަވެސް އެކި އެކި ސަބަބުތަކާ ހުރެ ބައިވެރި ވެފައިވަނީ 17 ދަރިވަރުންނެވެ. މިހަރަކާތުގައި ޝެޓްސްގެ ކުރީގެ ހިންގާ ކޮމެޓީ ތަކުގެ މެމްބަރުންނާއި ކުރީގެ އިސްވާރުންގެ އިތުރަށް، މިހާރުވެސް ޝެޓްސް ގައި ހަރަކާތްތެރިވަމުންދާ އިސްވާރުންނާއިއެކު ޖުމުލަ 40 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތުގެ މަޤްސަދަކީ، އެފް.އެޗް.ޓީ.އެސް ގެ ކޯސްތަކަށް އަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ކިއުމާއި، ޝެޓްސްގެ ހަރަކާތްތަކަށް އަލަށް ގުޅެން ބޭނުންވާ ދަރިވަރުންނަށް އެފުރުސަތު ތަނަވަސް ކޮށްދިނުމެވެ. މި ގޮތުން ޝެޓްސް ގެ އިސްވާރުން އެކި ހަރާކާތްތައް ފެނިގެންދާ ގޮތަށް ތައްޔާރު ކޮށްފައިވާ ވީޑިއޯއެއް ބައިވެރިންނަށް ވަނީ ދައްކާލައިފައެވެ،
އެކުވެރި މާހައުލެއްގައި ކުރިޔަށް ގެންދެވުނު މި ހަރަކާތުގައި، ޝެޓްސްގެ ހިންގާ ކޮމެޓީ އަދި ކުރީ ދައުރުތަކުގެ ހިންގާ ކޮމެޓީގެ މެމްބަރުން ތައާރަފު ވުމުގެ އިތުރަށް އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީގެ މެމްބަރުންވެސް ވަނީ ދަރިވަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަވާފައެވެ. ތަފާތު އެކި ކުޅިވަރު ހަރަކާތްކާއި އެކު ކުރިޔަށްގެންދެވުނު މި ހަރަކާތުގައި ޝެޓްސްގެ އިސްވާރުންގެ ފަރާތުން ވަނީ މުނިފޫހި ފިލުވުމުގެ ގިނަ އައިޓަމްތަކެއް ހުށަހަޅާދީފައެވެ. މި ހަރަކާތްތަކަށް ބައިވެރިންގެ ފަރާތުން ވަނީ ހޫނު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
ވެލްކަމް ނައިޓާއެކު ޝެޓްސް އަށް އަލަށް ގުޅެން ޝައުގުވެރިވި އިސްވާރުންނަށް އެފުރުސަތު ލިބިގެން ގޮސްފައިވާއިރު، ޝެޓްސްގެ އިސްވާރުންގެ ޓީމާއެކު އަލަށް ގުޅުނު އިސްވާރުންނަށް ހާއްސަ ލީޑާސް މީޓިން އެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.






