މާރޗް މަހުގެ 03 ވީ ހޮނިހިރުގެ ހަވީރު އެފް.އެޗް.ޓީ.އެސްގެ ގުރައުންޑް ގައި ”މާދަރީ ބަހުގެ ދުވަސް“ ސިއާ އާއި އެފް.އޭ ގެ މުވައްޒަފުން ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ ސިއާ އިން 2018 ވަނަ އަހަރު ހިންގުމަށް ރާވާފައި ހުރި ހަރަކާތް ތަކުގެ ތެރެއިން ސިއާ އިން ހިންގި އެންމެ ފުރަތަމަ ހަރަކާތެވެ. އަދި މިއީ ކޮންމެ އަހަރަކުވެސް އެންމެ ބޮޑު ތަރުހީބެއް ލިބިގެންދާ އެއް ހަރަކާތެވެ.


ފެކަލްޓީއަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ދަރިވަރުންގެ މެދުގައި ދިވެހި ބަހަށް ލޯބި ކުރުމާއި ދިވެހި އާދަކާދަ އާއި ސަޤާފަތް ދިރުވައި އާލާކުރުމެވެ. މި ހަރަކާތުގެ ޝަރަފްވެރި މެހެމާންއަކީ ދިވެހި ބަހުގެ އެކަޑަމީގެ އަބްދުއް ރަޝީދު ހުސެއިންނެވެ. މިފަހަރުގެ “މާދަރީ ބަހުގެ ދުވަހު” ވެސް ބާއަވާފައިވާ ހަރަކާތްތަކަކީ އެހެން އަހަރު ތަކެކޭ އެއްގޮތަށް ބާވަމުން ގެންދާ ބޯކިބާ މުބާރާތާއި ހުނަރުދައްކާލުމުގެ މުބާރާތާއި، ދިވެހި ވަންތަ ހެދުން ދައްކާލުމުގެ މުބާރާތާއި އަދި ވާހަކަ ދެއްކުމުގެ މުބާރާތެވެ.


މި މުބާރާތް ތަކުގައި އެކި ވަނަ ވަނައަށް ދިޔަ ކުދިންނަށް ވަނީ ފައިސާގެ އިނާމް ދެއްވާފައެވެ. އަދި އެހެން އަހަރު ތަކެކޭ ވެސް އެއް ގޮތަށް ބޯކިބާ ވަނީ ނީލަން ކިޔާފައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރޭވިގެން ދިޔަ މި ހަރަކާތަށް ވަނީ ފެކަލްޓީގެ ދަރިވަރުން އަދި ލެކްޗަރާއިންގެ ބޮޑު ތަރުހީބެއް ލިބި ވަރަށް ކާމިޔާބު ކަމާއި އެކު ނިންމާލާފައެވެ.
ލިޔުނީ: ރުޤިއްޔާ ރިމާނާ، ޙަޒާންދާރު، ސިއާ






