އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2019 ގެ ސެމީ ފައިނަލުގައި ، އެފް.އޭ ގެ ޓީމު އޭ އަދި އެފް.އެލް.އައި.އެސް ގެ ޓީމު ބީ ވާދަކުރި މެޗުން އެފް.އޭ ބަލިވެ، މުބާރާތުން ކަޓައިފިއެވެ.
ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ކަމަށް ބުނެ އެފް.އެލް.އައި.އެސް ގެ ބީ ޓީމުން ދެއްކި ވާހަކަ އާއި ކުރި ބަހުސާއި، ދެއްކި ހެއްކާއި ޤަރީނާގެ މައްޗަށް އެފް.އޭގެ އޭ ޓީމަށް ކުރި ނުހޯދި، މުބާރާތުގެ ސެމީ ފައިނަލުން ކަޓައިފިއެވެ. ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ނުއުފެއްދޭނެ ކަމަށް ބުނެ ވަކާލާތު ކުރަމުން ދިޔަ އެފް.އޭ ގެ ޓީމު އޭ އަށް ލިބިފައިވަނީ 865 ޕޮއިންޓެވެ. ފައިނަލަށް ދަތުރުކުރި އެފް.އެލް.އައި.އެސް ގެ ޓީމު ބީ އަށް ލިބިފައިވަނީ 926 ޕޮއިންޓެވެ. ރޭ ކުރިއަށް ދިޔަ މި ފޯރިގަދަ ބަހުސްގެ އެންމެ މޮޅު ބަހުސް ކުރުންތެރިޔަކަށް ހޮވުނީ އެފް.އެލް.އައި.އެސް. ގެ ޓީމު ބީ ގެ އަޙްމަދު ޠާޢިލް އެވެ.
”މި ބަހުސް މުބާރާތުގެ މި ހިސާބަށް ޓީމު ގެނައުމަށް އެފް.އޭ ގެ ދެ ޓީމަށް ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވި އަންވަރު ސަރ އަށް ޝުކުރު ދަންނަވަން. އެފް.އޭ އަކީ ބަހުސް ގެ ތާރީޚުގައި ގަދަ އަޑެއް. އިރާދަކުރެއްވިޔާ ދެން އަންނަ ފަހަރަކުން މިއަށްވުރެ ބޮޑު ކާމިޔާބީއެއް އެފް.އޭ އިން ހޯދާނަން.“ ޓީމުގެ މެނޭޖަރު އަދި ސިއާ ގެ ވައިސް ޕްރެސިޑެންޓް (ޢިލްމީ) ނަޒީމް ނައުޝާދު ވިދާޅުވި އެވެ.
އެފް.އޭ ގެ ޓީމު އޭ މި މުބާރާތާ އަލްވަދާޢު ކިޔާއިރު އެފް.އޭ ގެ ދެ ޓީމުން ވެސް ހުނަރުވެރި މޮޅު ބަހުސް ކުރުންތެރިންތަކެއް ފެނިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން އެހެން ފެކަލްޓީ ތަކުން ވެސް ބަހުސް ކުރުމަށް ޝައުގުވެރިވާ ކުޅަދާނަ ބަހުސް ކުރުންތެރިންތަކެއް މި މުބާރާތުން ފެނިގެން ދިޔަކަން ވެސް ފާހަގަކޮށްލެވެއެވެ.
އަންނަ ހަފްތާގެ އަންގާރަދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2019 ގެ ފައިނަލުގައި ވާދަކުރާނީ އެފް.އެލް.އައި.އެސް ގެ ދެ ޓީމެވެ.
ލިޔުނީ: އަޙްމަދު ޝައްފާޒު
ރައީސް
ސްޓޫޑެންޓްސް އިނިޝިއޭޓިވް އޮފް އާރޓްސް