މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ފެކަލްޓީ އޮފް އާރޓްސްގެ ގޮފި ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އާރޓްސް (ސިއާ) ގުޅިގެން ބާއްވާ 8 ވަނަ އެމް.އެން.ޔޫ.އެސް.ޔޫ – ސިއާ މަދަޙަ މުބާރާތް 1447 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މާރިޗު 3 އިން 5 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ބަހާލެވިފައިވަނީ ދެބަޔަކަށެވެ. އެއީ ވަކިވަކި މަދަޙަ ހުށަހެޅުމާއި ގުރޫޕު މަދަޙަ ކިޔުމުގެ ބައެވެ.
މިއަހަރުގެ މަދަޙަ މުބާރާތުގައިވެސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގައި ރަޖިސްޓްރީވެގެން ކިޔަވަމުންދާ ކޮންމެ ދަރިވަރަކަށްވެސް ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އަދި ގުރޫޕު މަދަހައިގެ ބައިގައި ކޮންމެ ފެކަލްޓީ އަކުން 2 ގުރޫޕަށް ބައިވެރި ވެވިދާނެއެވެ.
މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 1 މާރިޗު 2026 ވަނަ ދުވަހުގެ، 00:00 އެވެ. ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ސިއާގެ ފޭސްބުކް ޕޭޖުން ފެންނާނެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ މަދަޙަ މުބާރާތް ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރުގައެވެ. މެދުކެނޑުމަކަށް ފަހު ’އެމް.އެން.ޔޫ.އެސް.ޔޫ – ސިއާ މަދަޙަ މުބާރާތު’ގެ ނަމުގައި ދެވަނަ މުބާރާތެއް ބޭއްވުނީ 2019 ވަނަ އަހަރުގައެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް މި މުބާރާތް ބާއްވާއިރު މި އަހަރު މި ބޭއްވެނީ އެމް.އެން.ޔޫ.އެސް.ޔޫ ސިއާ މަދަޙަ މުބާރާތުގެ 8 ވަނަ މުބާރާތެވެ.






