އެސް.އެސް.އެލްއިން އެޕްރީލް 20 އަދި 21 ގައި ބޭއްވުމަށް އިޢުލާން ކޮއްފައިވާ ”އެސް.އެސް.އެލް ޤުރުއާން މުބާރާތް 2018“ އެމް.އެން.ޔޫ.އެސް.ޔޫ އާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް އެސް.އެސް.އެލްގެ ހިންގާ ކޮމެޓީން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫ އިން ކުރިއަށްގެންދެވި ގޮފިތަކުގެ ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން އެސް.އެސް.އެލް އާއި އެކު 11 އެޕްރީލް 2018 ވީ ބުދަ ދުވަހުގެ ރޭ ބޭއްވުނު ބައްދަލުވުމުގައި އެސް.ޔޫ އިން ދެއްވި ޚިޔާލާއި ލަފާގެ މަތިންނެވެ. މުބާރާތުގެ އޮނިގަނޑަށް އަދި މުބާރާތް އޮންނަ ދުވަހަށް ބަދަލެއް ގެނައުމަށް ނިންމަވާފައި ނުވިނަމަވެސް މުޅިމުބާރާތުން ބަލައިގެން ކިޔުމުގެ ގޮފިންނާއި ނުބަލާ ކިޔުމުގެ ގޮފިން އެއްވަނަ ހޯދާ ދަރިވަރަކަށް ޓްރޮފީގެ އިތުރުން /-2500 ފައިސާގެ އިނާމް ދިނުމަށް ވަނީ ނިންމާފައެވެ.
އެސް.އެސް.އެލްއިން ޤުރުއާން މުބާރާތް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެ ޖަމިއްޔާގެ މެންބަރު ޢަލީ ޢިސްމާއީލް ވިދާޅުވީ އެސް.އެސް.އެލްގެ ޤުރުއާން މުބާރާތް އެމް.އެން.ޔޫ އެސް.ޔޫ އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމީ މިމުބާރާތަކީ މުޅި އެމް.އެން.ޔޫގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާނެ މިއަހަރުގެ އެންމެ ބޮޑު މުބާރާތް ކަމަށްވުމާއި އެކު މުބާރާތުގެ ފޯރިއާއި ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުންކަމަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ހުރިހާ ގޮފިތަކަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން އެންމެ މޮޅު ގޮފި ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިހާރު އެމް.އެން.ޔޫ.އެސް.ޔޫގެ ވެބްސައިޓުންނާއި އެސް.އެސް.އެލްގެ އޮފީހުންނާއި އަދި ސްޓޫޑެންޓް ސާވިސްގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.