ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އައްޑޫ ސިޓީގައި ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
އެގޮތުން، ”އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ މުބާރާތް – 2024“ ގެ ނަމުގައި މި މުބާރާތް ބާއްވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ހިތަދޫ ކެމްޕަހާއި، އައްޑޫ ސިޓީ ކައުންސިލް އަދި ދިވެހިބަހުގެ އެކަޑަމީ ގުޅިގެން، އައްޑޫ ސިޓީގެ ހުރިހާ ސްކޫލްތަކަކަށް ހުޅުވާލައިގެންނެވެ.
7 ނޮވެމްބަރުގައި އޮންނަ މި މުބާރާތުގެ ޤަވާޢިދާއި ދާއިރާތަށް ޢާންމުކޮށްފައިވާ އިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، މުބާރާތުގެ ޤަވާޢިދު އަދި ބައިވެރިވުމަށް އެދޭ ފޯމު ތިރީގައިވާ ލިންކުތަކުން ލިބިވަޑައިގަންނަވާނެއެވެ.
މުބާރާތުގެ ޤަވާޢިދު: https://mnusu.edu.mv/downloads/
މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު: https://forms.gle/q1m6HCKp6sHtYMqNA
1980ގެ އަހަރު ތަކުން ފެށިގެން ރާއްޖޭގައި ޤައުމީ ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ވާހަކަދެއްކުމުގެ މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ. އެކި ޝަޚްޞިއްޔަތުތަކަށް ނިސްބަތްކޮށް މިފަދަ މުބާރާތްތައް ބާއްވަމުން އަންނައިރު، އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ނިސްބަތްވަނީ، މީލާދީ ސަނަތުން 1585 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި، އައްޑޫ އައް ޝައިޚް، އަލްފަޤީހް، އަލްޤާޒީ މުހައްމަދް ޝަމްސުއްދީން އަލް ކަބީރް، ނުވަތަ މަޝްހޫރު ނަމުންނަމަ، އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނަށެވެ.
ބޮޑުފަނޑިޔާރު ތަކުރުފާނަކީ ރާއްޖޭގެ ތާރީހުގައި ވަރަށް މަޝްހޫރުވެގެން ގޮސްފައިވާ ފަންޑިޔާރެކެވެ. އެ ބޭފުޅާ ފަނޑިޔާރުކަން ކުރެއްވީ އައްސުލްޠާނު އިބްރާހީމް(3) ސިރީ ސުއްދަ ސުވަރުދަ މަހާރަދުން (1585މ އިން 1609މ އަށް) ގެރަސްކަމުގެ ދުވަސްވަރުގައެވެ.
މި މުބާރާތް ރާވާ އިންތިޒާމު ކުރާނީ، ޔޫނިއަންގެ ގޮފިތައް ކަމުގައިވާ ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އަދި ދޮންދީނި އެވެ. މިއީ ދަރިވަރުންގެ ޔޫނިއަނުން އިސްނަގައިގެން އަތޮޅު ތެރެޔަށް އަމާޒުކޮށްގެން ބޭއްވޭ މިފަދަ ފުރަތަމަ އިލްމީ ހަރަކާތެވެ.