އައްޑޫ ސިޓީގެ ސްކޫލްތަކަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 2 ގޮފި ކަމަށްވާ ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އަދި ދޮންދީނިން އިންތިޒާމް ކޮށްގެން ވާހަކަދެއްކުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސް އަދި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓްގެ އެހީތެެރިކަމާއެކު ކުރިއަށް ގެންދިޔަ މި ސެޝަން ބާއްވައިފައިވަނީ 6 އޮކްޓޫބަރުގައި ޕޮލިސް ކޮލެޖްގެ އޮޑިޓޯރިއަމްގައެވެ. މި ސެޝަން ނަންގަވައިދެއްވީ އަލްއުސްތާޒް މުޙައްމަދު ޖައުޝަން ޝަރީފް އަދި އެސް.އެސް.އެލްގެ ރައީސް އިސްމާޢީލް ރަޒީން ޢިމްރާނެވެ. އައްޑޫ ސިޓީގެ ގިނަ ސްކޫލްތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ދަރިވަރުން މި ސެޝަންގައި ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
މި އަހަރުގެ ނޮވެންބަރުގައި އައްޑޫ ސިޓީގެ ސްކޫލްތަކަށް ހުޅުވާލައިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ވާހަކަދެއްކުމުގެ މުބާރާތެއްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ އައްޑޫ ސިޓީ ކައުންސިލާ، ދިވެހިބަހުގެ އެކެޑަމީ އަދި އެމ.އެން.ޔޫ ހިތަދޫ ކެމްޕަހާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.