ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް) ގެ އެކިއެކި ޙަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އިސްވާރުންނަށް ޚާއްޞަކޮއްގެން އެސް.އެސް.އެލް އިން ބާބަކިއުއެއް ބާއްވާފިއެވެ.
މި ބާބަކިއު ބާއްވައިފައިވަނީ 2024 އޮކްޓޫބަރު 10 ވީ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ބާބަކިއު ސަރަހައްދުގައެވެ.
އިސްވާރުންނަށް ޙާއްސަކޮއްގެން މިފަދަ ބާބަކިއުތައް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ، ދަރިވަރުން އެކި ޙަރަކާތްތަކުގައި އިސްނަގައި ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމެވެ. އަދި މީގެ އިތުރުން ފެކަލްޓި އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) ގެ އެކި ކޯސްތަކުގައި ކިޔަވާ ދަރިވަރުން އެއްބަޔަކު އަނެއްބަޔަކާ ދެކެފަރިތަވެ، ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާވެ ގުޅުން ބަދަހިވުމަކީވެސް މިފަދަ ޙަރަކާތްތައް ބޭއްވުން މުޙިއްމުވާ ސަބަބެވެ.
އެފް.އެސް.އެލް ގެ އެކި ކޯސްތަކުގައި ކިޔަވާ ގިނަ ދަރިވަރުންތަކެއް ބައިވެރިވި މި ބާބަކިއު ވެގެންދިޔައީ، ދަރިވަރުން ވަރަށް ގަޔާވި ހަރަކާތަކަށެވެ. ބާބަކިއުގެ ތެރެއިން ދަރިވަރުން މަޖާކޮއްލުމަށްޓަކައި އެކި ކުޅިވަރުތަކާ ސަކަރާތުގެ ޙަރަކާތްތަށްވެސް ކުރިޔަށްގެންގޮސް، ބާބަކިއު ނިންމާލީ ވަރަށް ’ފަން‘ ކޮށެވެ. އެސް.އެސް.ގެ ވިސްނުމަކީ ދަރިވަރުންނަށްޓަކާ ބޭއްވޭ މިފަދަ ޙަރަކާތައް ކުރިޔަށް އޮތްތަނުގައި މިއަށްވުރެ ގިނައިން ބޭއްވުމެވެ.