ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާއި އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފި ސޮސައިޓީ އޮފް ޝަރިޢާ އެންޑް ލޯ (އެސް.އެސް.އެލް) ގުޅިގެން ރަމަޟާން މަހު ކުރިއަށް ގެންދާ އެމް.އެން.ޔޫ.އެސް.ޔޫ – އެސް.އެސް.އެލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެންމެހާ ދަރިވަރުންނަށް ވަނީ ހުޅުވާލެވިފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ދަރިވަރުންނަށް އެސްއެސްއެލްގެ ޕޭޖުގައިވާ ގޫގްލް ފޯމް ފުރައިގެން ބައިވެރިވެވޭނެއެވެ.
މި އަހަރުގެ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާރިޗު މަހުގެ 13 އިން 15 އަށެވެ. މުބާރާތުގައި ބަލައިގެން ކިޔެވުން އަދި ހިތުން ކިޔެވުމުގެ ފުރުސަތު ބައިވެރިންނަށް ވަނީ ހުޅުވާލެވިފައެވެ. ބަލައިގެން ކިޔެވުމުގެ މުޤައްރަރަކީ ފުރަތަމަ 15 ފޮތް ނުވަތަ ފަހު 15 ފޮތުންކުރެ އެ ބައިވެރިއަކު އިޚްތިޔާރުކުރާ ކޮޅެކެވެ. ހިތުން ކިޔެވުމުގެ މުޤައްރަރަށް މިއަހަރު ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ހިތުން ކިޔެވުމުގެ މުޤައްރަރަކީ ފަހު 3 ފޮތް އެކަންޏެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މާރިޗު މަހުގެ 6 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:00 ގެ ނިޔަލަށެވެ.
މިދިޔަ އަހަރު 100 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި މި މުބާރާތް ވަނީ ފުރިހަމަ ކާމިޔާބީއާ އެކު ނިންމައިލެވިފައެވެ. މިއަހަރުގެ ވެސް އުއްމީދަކީ މުބާރާތް ކާމިޔާބުކަމާއެކީ ކުރިއަށްދިޔުމެވެ.





