އެމް.އެން.ޔޫ.އެސް.ޔޫ – އެސް.އެސް.އެލް ޤުރުއާން މުބާރާތް އަދި އެމް.އެން.ޔޫ.އެސް.ޔޫ – ސިއާ މަދަހަ މުބާރާތުގެ އެންމެ މޮޅު ފެކަލްޓީއަކަށް ސްކޫލް އޮފް ނަރސިންގ ހޮވިއްޖެއެވެ.
މާރިޗު 19 ވީ ބުދަދުވަހުގެރޭ ކުރިއަށްދިޔަ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުއެވެ. މީގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ މެނޭޖްމެންޓްގެ ބޭފުޅުންނާއި އެކިއެކި ފެކަލްޓީތަކުގެ ޑީނުން ވަނީ ނިންމުމުގެ ރަސްމިޔާތުގައި ބައިވެރިވެފައެވެ.
މި ދެ މުބާރާތުގައި ޖުމްލަ 100 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.
ޤުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން 3ވަނަ ޙާސިލްކޮށްފައިވަނީ ސްކޫލް އޮފް މެޑިސިންގެ އަލްޙާފިޒާ މަރިޔަމް ނައިސަމް ސަޢީދެވެ. ހިތުން ކިޔެވުމުގެ ބައިން 2ވަނަ ސްކޫލް އޮފް މެޑިސިންގެ އާމިނަތު މައިސަމް މުހައްމަދު ހޯދާފައިވާއިރު، މި ގޮފީގެ 1ވަނަ ހޯދާފައިވަނީ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ މިޒްހާ ހުސައިން ޖަލީލެވެ.
ބަލައިގެން ކިޔެވުމުގެ ގޮފިން މުބާރާތުގެ 3ވަނަ ހޯދި ބައިވެރިއަކީ ސްކޫލް އޮފް ނަރސިންގ ގެ އާމިނަތު ނަސްރަތުއެވެ. އަދި 2 ވަނަ ހޯދާފައިވަނީ ސްކޫލް އޮފް ނާސިންގ ގެ ދަރިވަރު އައުފާ ރަޝީދުއެވެ. 1ވަނަ ދެ ބައިވެރިޔަކު ހޯދާފައި ވެއެވެ. އެއީ ފެކަލްޓީ އޮފް އާރޓްސްގެ ދަރިވަރު މަރިޔަމް ރިފްގާ އާއި ސްކޫލް އޮފް ނާސިންގގެ ދަރިވަރު މަރިޔަމް އަފާފް މުޙައްމަދެވެ.
ހަމަ މިއާއެކު، މުޅި މުބާރާތުގެ 3ވަނަ އަށް އެންމެ މޮޅު ފެކަލްޓީއަކަށް ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ހޮވިފައިވާއިރު 2ވަނަ ޙާސިލްކޮށްފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަނުންނެވެ. އަދި މުޅި މުބާރާތުގެ ފަޚުރުވެރި 1ވަނަ ހޯދާފައިވަނީ ސްކޫލް އޮފް ނާރސިންގ އިންނެވެ.
އެމް.އެން.ޔޫ.އެސް.ޔޫ – ސިއާ ބަދަހަ މުބާރާތުގައި ވަކިވަކި މަދަހަތަކުގެ ބައިން 3ވަނަ ޙާސިލްކޮށްފައިވަނީ ސްކޫލް އޮފް ނަރސިންގގެ ފާތިމަތު މަފާޒާއެވެ. ވަކިވަކި މަދަހަތަކުގެ ބައިން 2ވަނަ އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ މުޙައްމަދު ޝިފާއު ހޯދާފައިވާއިރު، މި ބައިން 1ވަނަ ހޯދާފައިވަނީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ނަޝްވާ ޢަބްދުލް މުޙުސިންއެވެ.
މަދަހަ މުބާރާތުގެ ގުރޫޕް މަދަހަތަކުގެ ބައިން 3ވަނަ ހޯދި ފެކަލްޓީއަކީ ސްކޫލް އޮފް ނަރސިންގއެވެ. އަދި 2 ވަނަ ފެކަލްޓީ އޮފް އެޑިޔުކޭޝަން ހޯދާފައިވާއިރު ފަޙުރުވެރި 1ވަނަ ހޯދައިފައިވަނީ ސުކޫލް އޮފް މެޑިސިން އެވެ. ހަމަ މިއާއެކު، މުޅި މުބާރާތުގެ 3ވަނަ އަށް އެންމެ މޮޅު ފެކަލްޓީއަކަށް ފެކަލްޓީ އޮފް އެޑިޔުކޭޝަން ހޮވިފައިވާއިރު 2ވަނަ ޙާސިލްކޮށްފައިވަނީ ސުކޫލް އޮފް މެޑިސިންއެވެ. އަދި މުޅި މުބާރާތުގެ ފަޚުރުވެރި 1ވަނަ ހޯދާފައިވަނީ ސްކޫލް އޮފް ނާރސިންގ އެވެ.
މީގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ- އެސް.އެސް.އެލް ޤުރްއާން އަދި ސިއާ މަދަހަ މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވި ފަރާތްތަކާއި ޤުރްއާން މުބާރާތުގެ މީޑީއާ ޕާޓްނަރު ކަމަށްވާ ދުވެލި ނޫސް އަދި މަދަހަ މުބާރާތުގެ މީޑިއާ ޕާޓްނަރު ކަމަށްވާ ނުކުތާ އަށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ވަނީ ހަވާލުކުރެވިފައެވެ. ހަމަމިއާއެކު މި ދެ މުބާރާތުގެ ސްޕޮންސަރ ކަމުގައިވާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ޚާއްސަ ހަނދާނީ ފިލާއެއް ވަނީ ހަވާލުކުރެވިފައެވެ.
ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ފެކަލްޓީތަކުގެ ކުލާސްރޫމްގެ އެތެރެއަށް ވުރެ ބޭރުން އެކިއެކި ހަރަކާތްތަކުގެ ތެރެއިން ހޯދާ ތަޖުރިބާ އާއި އެކި ޢިލްމީ ފިލާވަޅުތައް އެއީ ލޮބުވެތި ދަރިވަރުންގެ ހަޔާތުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް ވިދާޅުވެފައިވެއެވެ. މިފަދައިން ވަޒީރު ވިދާޅުވީ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިތުރު ހަރާކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދެއްވާ ވަޒީރު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން މިފަދަ މުބާރާތްތައް ބާއްވާކަމަށްޓަކައި އެކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން ޤުރްއާން މުބާރާތަށް ވުރެ ބޮޑަށް ޤުރްއާނާ ދޭތެރޭ ވިސްނުމަށާއި އެކިއެކި ފެކަލްޓީތަކުގެ ދަރިވަރުން އެ ދަރިވަރަކު ކިޔަވަމުންދާ ދާއިރާއާ ގުޅޭގޮތުން ޤުރުއާން މުރާޖަޢާކޮށް ޢިލްމު ހޯދުމަށް ވަޒީރުވަނީ ނަސޭޙަތްތެރިވެފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ޤުރުއާން އަދި މަދަހަ މުބާރާތަކީ ސިލްސިލާގޮތެއްގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވަމުން އަންނަ މުބާރާތްތަކެކެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން ޤުރުއާން މުބާރާޓް ހިންގަމުން އަންނަނީ އެސް.އެސް.އެލްއާ ގުޅިގެން ކަމަށްވާއިރު 2021 ވަނަ އަހަރުން ފެށިގެން މަދަހަ މުބާރާތް ކުރިއަށް ގެންދަނީ ސިއާއާ ގުޅިގެންނެވެ.






