ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ގޮފި އެސް.އެސް.އެލް އިން 1446 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ބޭއްވި ’ތަށިބަރި މޫވްމަންޓް‘ ވަނީ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ތަޢާރަފުކުރެވުނު ހަރަކާތެއް ކަމަށްވާއިރު، މިއަހަރުވެސް ދަރިވަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި މި ހަރަކާތް ކުރިއަށް ގެންދެވިފައިވެއެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެސް.އެސް.އެލްގެ ރައީސް އާޢިޝަތު ރާޔާ ވަނީ މި ހަރަކާތް ރަސްމީކޮށް ފަށައިދީފައެވެ. މި ހަރަކާތުގައި އެސް.އެސް.އެލްގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި، ގޮފީގެ ލީޑަރުންނާއި އެކި ސެމިސްޓަރތަކުގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ.
’ތަށިބަރި މޫވްމަންޓް‘ ކުރިއަށް ގެންދެވުނު ގޮތަކީ، ކޮންމެ ދުވަހަކު އެކި ދަރިވަރުން އެހެން ދަރިވަރުންނަށް ރޯދަވީއްލުމަށް ތަށިބަރި ގެންގޮސްދިނުމެވެ. މި ހަރަކާތުގެ ސަބަބުން ދަރިވަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ރަމަޟާން މަހުގެ ރޫޙު އާލާކުރުމަށް މަގުފަހިވެގެންދިޔަކަން ފާހަގަކުރެވެއެވެ.
މި ހަރަކާތުގެ ކާމިޔާބީއާއެކު، އެސް.އެސް.އެލްއިން ވަނީ ކުރިއަށް އޮތް އަހަރުތަކުގައިވެސް މިފަދަ ހަރަކާތްތައް ހިންގުމަށް ރާވާފައެވެ.






