ގިނަ އަދަދެއްގެ ދަރިވަރުންތަކަކާއިއެކު އެމްއެންޔޫއެސްޔޫ- އެސްއެސްއެލް ޤުރުއާން މުބާރާތް ފަށައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އާއި، ޔޫނިއަންގެ ގޮފި ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް) އިން ގުޅިގެން ބާއްވާ 13 ވަނަ ޤުރުއާން މުބާރާތެވެ. މި މުބާރާތުގެ އެކްސްކްލޫސިވް ސްޕޮންސަރއަކީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއެވެ.
މިއަދު، 23 ފެބުރުވަރީ 2026 ވީ ހޯމަ ދުވަހުގެ ހަވީރު މި މުބާރާތް ފަށާފައިވަނީ ބަލައިގެން ކިޔެވުމުގެ ބައިންނެވެ. ފުރަތަމަ ދަންފަޅީގައި ޖުމްލަ 16 ދަރިވަރަކު ވަނީ ކިޔަވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީތަކުގެ ދަރިވަރުންނާއި އެހެނިހެން ކޮލެޖް ޔުނިވަރސިޓީތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތް މިފަހަރު މުޅިން އަލަށް ހައިސްކޫލްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއިރު، މިފަހަރު މި މުބާރާތުގައި 130 އަށްވުރެ ގިނަ އަދަދަކަށް ދަރިވަރުން ބައިވެރިވެފައިވެއެވެ.


މި މުބާރާތް ހިންގުމަށް ކަނޑައަޅާފައިވަނީ މި މަހުގެ 23 ން 25 ވަނަ ދުވަހަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. މި މުބާރާތުގެ ދަންފަޅިތައް ބެހިފައިވާ ގޮތުން ހޯމަ އާއި ބުދަ ދުވަހުގެ ހަވީރު ދަންފަޅިއެއް، ހޯމަ، އަންގާރަ، އަދި ބުދަ ދުވަހުގެ ރޭގަނޑު ދަންފަޅިއެއް، އަދި އަންގާރަ އާއި ބުދަ ދުވަހުގެ މެންދުރުފަހު ދަންފަޅީގައި ކިޔެވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮފިން އެންމެ މޮޅު 5 ބައިވެރިން ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި އެންމެ މޮޅު 1ވަނަ، 2ވަނަ އަދި 3ވަނަ ފެކަލްޓީ/ކޮލެޖް/ޔުނިވަރސިޓީ/ސްކޫލް ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.






