ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް) އިން 1447 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ’ތަށިބަރި މޫވްމަންޓް‘ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ޙަރަކާތަކީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި އެސް.އެސް.އެލް އިން ސިލްސިލާކޮށް ހިންގަމުންދާ ޙަރަކާތެކެވެ.
މި އަހަރުގެ ތަށިބަރި ޙަރަކާތުގައިވެސް ފެކަލްޓީއާ އަލަށް ގުޅުނު ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވެއެވެ. މި ޙަރަކާތުގެ ސަބަބުން، ކުރިން ނުދަންނަ ދަރިވަރުންގެ މެދުގައިވެސް ތަށިބަރި ބަދަލުކުރެވި، ދަރިވަރުންގެ މެދުގައި އޮތް އެކުވެރިކަމާއި ރަޙުމަތްތެރިކަން ވަނީ އިތުރަށް ބަދަހިވެފައެވެ.
މި ރަމަޟާން މަހުގެ 2 ވަނަ ދުވަހު ފެށި މި ޙަރަކާތުގައި ޖުމްލަ 25 ދަރިވަރުން ބައިވެރިވިއެވެ. މި ޙަރަކާތް ނިންމާލާފައިވަނީ ރަމަޟާން މަހުގެ 28 ވަނަ ދުވަހުއެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މިއަހަރުގެ ޙަރަކާތްވެސް ފާހަގަކުރެވިގެން ދިޔައީ ދަރިވަރުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބުނު، ފޯރިގަދަ ޙަރަކާތެއްގެ ގޮތުގައެވެ.





