ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އަށް މިއަހަރު އަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ފެކަލްޓީގެ ދަރިވަރުންގެ ގޮފި، ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް) އިން އެ ދަރިވަރުންނަށް ’އެސް.އެސް.އެލް ވެލްކަމް ނައިޓް 2026‘ ވަރަށް ކުލަގަދަކޮށް ބާއްވައިފިއެވެ. މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 26 އޮގަސްޓު 2026 ވީ ބުދަ ދުވަހުގެ ރޭގައެވެ. މިފަހަރުގެ ވެލްކަމް ނައިޓް ބާއްވާފައިވަނީ ’މަސްކަރޭޑް ބޯލް‘ ތީމަށެވެ.
މި ޓާމުގައި އެފް.އެސް.އެލް އިން އެޑްވާންސް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ (އޭ.ސީ.އެސް.އެލް)ގެ ދެ ބެޗަކާއި، ބެޗެލަރސް އޮފް ޝަރީޢާ އެންޑް ލޯ (ވިތް އޮނަރސް) (އެލް.އެލް.ބީ)ގެ ބެޗެއްގެ އިތުރުން މާސްޓަރސް އޮފް ޝަރީޢާ އެންޑް ލޯ (އެލް.އެލް.އެމް)ގެ ބެޗަކަށް ކިޔަވައިދޭން ފަށައިފައި ވެއެވެ. އެގޮތުން މެންހަޓަން ބިޒްނަސް ހޮޓެލް ބެންކުއެޓް ހޯލްގައި ބޭއްވުނު މި ޙަރަކާތުގައި މި ކޯސްތަކާ އަލަށް ގުޅުނު ދަރިވަރުންގެ ތެރެއިން 50 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި މި ހަރަކާތުގައި ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ މެންބަރުންގެ އިތުރުން، އެސް.އެސް.އެލް އަދި ދަރިވަރުންގެ ޔޫނިއަންގެ ކުރީގެ ހިންގާ ކޮމިޓީތަކުގެ މެންބަރުންނާއި އިސް ބޭފުޅުންވެސް ބައިވެރި ވެފައިވެއެވެ.


މި އިވެންޓު ފެށިގެން ދިޔައީ އިވެންޓަށް ހާޒިރުވި ދަރިވަރުންގެ ތަޢާރަފުވުމަކުންނާއި ގޮފީގެ ހިންގާ ކޮމެޓީގެ މެމްބަރުންގެ ތަޢާރަފުވުމުންނެވެ. އެއަށްފަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާއި އެސް.އެސް.އެލް އާ ބެހޭ މަޢުލޫމާތު ދަރިވަރުންނަށް ޙިއްޞާކޮށް، އެސް.އެސް.އެލްގެ ޙަރަކާތްތަކާ، ހޯދާފައިވާ ކާމިޔާބީތަކުގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގެ އުސްއަލިތައް ދަރިވަރުންނަށް ކިޔައިދެވިފައިވެއެވެ. އަދި މީގެ އިތުރުން، ދަރިވަރުންނަށް އުފާވެރި މާހައުލެއްގެ ތެރޭގައި ކުރިއަށްގެންދިޔަ މި ނައިޓްގައި މިއުޒިކަލް ޗެއާރ ފަދަ އެކި ކަހަލަ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އިވެންޓު ނިންމާލެވުނީ ޚާއްޞަ ބިލެތް މީރުކޮށްލުމަކުންނެވެ.
މިފަދަ ރެއެއް ދަރިވަރުންނަށް ޚާއްޞަކޮށްގެން ބޭއްވުމުގެ މައިގަނޑު މަޤުސަދަކީ ފެކަލްޓީގައި ކިޔަވާ ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރި މާހައުލެއް ބިނާކުރުމެވެ. އަދި ޔުނިވަރސިޓީގައި ހޭދަކުރާ ކިޔެވުމުގެ ޙަޔާތަކީ ދަރިވަރުންނަށް ފަސޭހަ، ބީރައްޓެހި ނޫން މާޙައުލެއްގައި ހޭދަކުރެވޭ އުފާވެރި ދުވަސްތަކަކަށް ހަދައިދިނުމެވެ. ކުރިޔަށްގެންދިޔަ ތަފާތު ކުޅިވަރުތަކާއި ހަރަކާތްތަކުން ކުދިންނަށް އިސްނެގުން ފަދަ ތަފާތު ބޭނުންތެރި ހުނަރުތައް ދަސްކޮށްދެވިފައިވާނެއެވެ.
އެސް.އެސް.އެލްގެ އިލްތިމާސަކީ އަދި އުންމީދަކީ ޔުނިވަރސިޓީ އާއި، ފެކަލްޓީ އާއި، ދަރިވަރުންގެ ޔޫނިއަން އަދި އެސް.އެސް.އެލް އިން ހިންގާ ޙަރަކާތްތަކުގައި މިއަހަރުގައި އަލަށް ފެކަލްޓީއާ ގުޅުނު ދަރިވަރުންގެ ތެރެއިން ހަރުދަނާ ގިނަ އިސްވާރުންތަކެއް ފެނިގެން ދިޔުމެވެ. އަދި މި ޙަރަކާތްތަކުގައި މި ދަރިވަރުން ޝާމިލްކޮށްގެން އައު ހުނަރުތައް ދަސްކޮށްދީ، މި ދަރިވަރުން ޢިލްމީ ގޮތުން އަދި ފަންނީ ގޮތުން ކުރިއަރައި ދިޔުމެވެ.





