ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެން.އެން.ޔޫ.އެސް.ޔޫ)ގެ ގޮފި ތަރަހައިގެ ފަރާތުން ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން “ ތަސްވީރުން ވާހަކަ“އިގެ ނަމުގައި ފޮޓޯ ޗެލެންޖެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
އެގޮތުން މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2022 އޭޕްރިލް 15 އިން 2022 އޭޕްރިލް 22ގެ ނިޔަލަށެވެ. ހަމަ އެހެންމެ މުބާރާތް ކުރިއަށް ގެންދާނީ ދެ ބުރަކަށް ބަހާލައިގެންނެވެ.


މި މުބާރާތް ހިންގާ ރާވަމުން ގެންދާނީ ތަރަހަ ކޮމެޓީގެ ފަރާތުންނެވެ. އަދި މި މުބާރާތުގައި އިންސާފު ކުރާނީ ތަރަހައިން އައްޔަންކުރާ ފަނޑިޔާރުންގެ ޓީމަކުންނެވެ.
މި މުބާރާތަކީ ޔުނިވަރސިޓީގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެއް ކަމުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ ދަރިވަރަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ކުރީ ފަހަރުތަކާ ހިލާފަށް މި މުބާރާތުގައި ވަނީ ތަފާތު އިނާމުތަކެއް ހުށަހަޅާފައެވެ. އެގޮތުން، އެއްވަނަ އަށް ދާ ފަރާތަކަށް މުބާރާތުގެ ތަށީގެ އިތުރުން ހިލޭ ފޮޓޯ ޝޫޓަކަށް ދިޔުމުގެ ފުރުސަތު ވަނީ ފަހި ކޮށްދީފައެވެ. އަދި 2 ވަނަ އަށް ދާ ފަރާތަކަށް ސްވީޓެސްޓް ލިޓްލް ތިންގްސްގެ ފަރާތުން ގިފްޓް ހެމްޕަރ އަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު 3 ވަނަ އަށް ދާ ފަރާތަކަށް ހާއްސަ ރޯދަ ވީއްލުމެއް ދިނުމަށް ވަނީ ނިންމާފައެވެ. މިފަދަ އިނާމުތައް ް ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިކަން އުފެއްދުމެވެ.
މިދިޔަ އަހަރުވެސް ތަރަހައިން ވަނީ މިފަދަ ފޮޓޯ ޗެލެންޖެއް ކުރިއަށް ގެންގޮސްފައެވެ. ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް މި މުބާރާތް ވަރަށް ފުރިހަމަ ކަމާއެކު ކުރިއަށް ދިއުމަކީ ތަރަހައިގެ ވަރަށް ބޮޑު އުންމީދެކެވެ.





