ކޮންމެ ސެމިސްޓަރ އެއްގައި ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަމުންދާ ”ތިއޭޓަރ ވޯރލްޑް ވިތު ތަރަހަ“އިގެ މި ސެމިސްޓަރގެ ހަރަކާތް، ”ޓްރެއިން ޓު ބޫސާން“ އާއެކު މިރޭ ސީއޭ އޮޑިޓޯރިއަމްގައި އޮންނާނެއެވެ.
މި މޫވީ ނައިޓަކީ ފަންޑް ރައިސިންގް އިވެންޓެއްގެ ގޮތުގައި ކުރިއަށް ދާނެ ހަރަކާތެކެވެ. މިހާތަނަށް 100 އަށް ވުރެ ގިނަ ޓިކެޓް ވިކިފައިވާ މި މޫވީ ނައިޓް މިރޭ ކުރިއަށްދާއިރު، ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެހެން ފަހަރުތަކާ ޚިލާފަށް ދަރިވަރުން މި ހަރަކާތަށް އަހުލުވެރި ވެފައިވާ ކަމެވެ.
ހަމައެއާއެކު، ކޮންމެ ސެމިސްޓަރެއްގައި އެޅުވިގެން ދާ މި މޫވީނައިޓަކީ ކިޔެވުމުގެ އިތުރުން ދަރިވަރުން އިތުރު ހަރަކާތްތަކުގައި އުޅެވޭނެ މަގު ފަހި ކޮށްދިނުމަށްޓަކައި ތަރަހައިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެހެން ފަހަރު ތަކެކޭ ވެސް އެއްފަދައިން މިފަހަރު ވެސް ކެންޓީންގެ ޚިދުމަތް ވެސް ފިލްމު ބަލަން އަންނަ ފަރާތްތަކަށް މެދުކެނޑުމެއްނެތި ލިބޭނެ ފަދަ އިންތިޒާމެއް ވަނީ ކުރެވިފައެވެ.
ތިއޭޓަރ ވޯރލްޑް ވިތު ތަރަހައިގެ ޓިކެޓެއްގެ އަގު އުޅެނީ -/10 ރުފިޔާއަށެވެ.
2023 ވަނަ އަހަރުގެ ތަރަހައިގެ ފެށުމުގެ ގޮތުގައި މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، މިއަހަރު ވެސް ތަރަހައިން ވަނީ ގިނަ ކަންތައްތަކެއް ކުރުމަށް ރޭވިފައެވެ. އެގޮތުން އެންމެ އަވަހަށް ވެސް ރޭވިފައިވާ ހަރަކާތަކީ ސީ.އެފް.އެސް އަށް އަލަށް ގުޅުނު ދަރިވަރުންނަށް ބޭއްވޭ ވެލްކަމް ނައިޓް އެވެ.





