ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސްއަށް މިއަހަރު އަލަށް ގުޅުނު ދަރިވަރުންނަށް ބޭއްވުނު ”ތަރަހަ ވެލްކަމް ނައިޓް 2024“ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
23 ފެބުރުވަރީ 2024 ވީ ހުކުރު ދުވަހުގެރޭ އެފް.އީ ޕީ.އީ ހޯލުގައި ބޭއްވުނު މި ހަރަކާތުގައި ޖުމްލަ 50 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތް ފެށިގެން ދިޔައީ ތަރަހައިގެ ކުރީގެ އަދި މިހާރުގެ ހިންގާ ކޮމިޓީގެ ތަޢާރަފްވުމަކަށް ފަހުގައެވެ. މި ހަރަކާތުގައި ދަރިވަރުންގެ ޔޫނިއަންގެ ރައީސް ޖައިޝް ޢަލީ ވަޙީދުގެ އިތުރުން ނައިބު ރައީސް އިތުރު ހަރަކާތް މިޝަލް މޫސާ ވަނީ ކުދިންނާ މުޚާތަބުކޮށް، ދަރިވަރުން ކިޔެވުމާ އެއްވަރަށް އިތުރު ޙަރަކާތުގައިވެސް ޝާމިލުވެ އުޅުމަށް ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން މި ޙަރަކާތުގައި ތަފާތު އެކި ކުޅިވަރުތައް ކުޅުމާއި، ދަރިވަރުންނަށް އެކަކު އަނެކަކު ދެނެގަނެ އުފާވެރި މާހައުލެއްގައި ގުޅުން ބަދަހިކޮށް، މަޖާކޮށްލާ އެކުވެރިކަން އާލާކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދެވިފައެވެ.
ތަރަހައިން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ މި ޙަރަކާތުގެ މައިގަނޑު މަޤްސަދަކީ ސީ.އެފް.އެސް.އަށް އަލަށް ގުޅޭ ދަރިވަރުންނާއި ތަރަހައިގެ ހިންގާ ކޮމެޓީ ތައާރަފުވެ އެކުދިންނާއި ގުޅުން ބަދަހިކުރުމެވެ. އަދި ތަރަހައަކީ ދަރިވަރުންނަށްޓަކައި، ދަރިވަރުންނާއި އެކުގައި އަބަދުވެސް ތިބޭނެ ބައެއްކަމަށް އެކުދިންނަށް އަންގައިދިނުމެވެ.
ތަރަހަ ވެލްކަމް ނައިޓް މިހާ ކާމިޔާބު ކަމާއެކު ނިންމާލުމުގައި ތަރަހައިގެ އިސްވާރުންވަނީ އިސް ރޯލެއް އަދާކޮށްފައެވެ. ތަރަހައިގެ ހިންގާ ކޮމެޓީގެ ފަރާތުން ވަނީ މިކަން ފާހަގަކޮށް ހުރިހާ އިސްވާރުންނަށް ޝުކުރު އަދާކޮށްފައެވެ.
ތަރަހައިގެ އުންމީދަކީ އަލަށް ގުޅުނު ދަރިވަރުންވެސް އެމް.އެން.ޔޫ.އެސް.ޔޫއާއި ތަރަހައިން ބާއްވާ ޙަރަކާތްތަކުގައި އެއްބާރުލުން ދިނުމެވެ.






