ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްގެ ގޮފި ތަރަހައިން ލަމްޕޯ ސްޕޯޓްސް ވެއަރއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
16 މާރިޗް ވީ ހޮނިހިރު ދުވަހުގެ ރޭ އެމް.އެން.ޔޫ ސެންޓްރަލްގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ޔޫނިއަންގެ ރައީސް ޖައިޝް ޢަލީ ވަޙީދެވެ. ތަރަހައިގެ ފަރާތުން ސޮއިކޮށްފައިވަނީ ތަރަހައިގެ ނައިބު ރައީސް (އިތުރު ޙަރަކާތް) ޒައިން ޢަބްދުﷲ ޖަމީލެވެ. އަދި ލަމްޕޯ ސްޕޯޓްސް ވެއަރގެ ފަރާތުން ސޮއިކޮށްފައިވަނީ މެނޭޖިންގ ޑިރެކްޓަރ އައިމަން ޙަބީބެވެ.
މި ފަހުމުނާމާގެ ދަށުން ތަރަހައިގެ ހަރަކާތްތަކަށް ބޭނުންވާ އެކިއެކި ކުޅިވަރު ސާމާން ޑިސްކައުންޓް އަގެއްގައި ފޯރުކޮށްދެވޭނެއެވެ. މިގޮތުން ޖާޒީއާއި މިނޫންވެސް ކުޅިވަރު ކުޅުމަށް ބޭނުންވާ ސާމާނު ލަމްޕޯ ސްޕޯޓްސް ވެއަރގެ ފަރާތުން ކުޑަ އަގެއްގައި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފަހުމުނާމާގެ ދަށުން ތަރަހައިން ކުޅިވަރު އެކި ޙަރަކާތްތަކަށް ގަންނަ ސާމާން ގަންނާނީ ލަމްޕޯ ސްޕޯޓްސް ވެއަރ މެދުވެރިކޮށެވެ.
ލަމްޕޯ ސްޕޯޓްސް ވެއަރއަކީ ކުޅިވަރު ސާމާން ވިއްކުމަށް މަޝްހޫރު ތަނެކެވެ. އެމް.އެން.ޔޫ.އެސް.ޔޫ އިން މިއަހަރަށް ރޭވިފައިވާ ވޮލީ، ބެޑްމިންޓަން އަދި ފުޓްސަލް ފިއެސްޓާގައި ބައިވެރިވާ ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްގެ ޓީމުތަކަށް މި ފަހުމުނާމައިގެ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.
މިއަހަރު ތަރަހައިގެ އުންމީދަކީ ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްގައި ކިޔަވަމުންދާ ދަރިވަރުންނަށް ގިނަ ހަރަކާތްތަކެއް ރާވާ ހިންގުމެވެ.





